އަލް އަޤްސާ މިސްކިތުގައި ނަމާދުކުރުން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް މަނާކުރުމާއި ގުޅިގެން ހުކުރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހައި، ފަލަސްޠީނުގެ ތިން މީހުން މަރާލައިފިއެވެ.
ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނީ، ހުކުރު ދުވަހުގެ ހަމަނުޖެހުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން، ތިން މީހުން މަރުވެ، 20 މީހަކަށް ބޮޑެތި ޒަޚަމްތައް ވެފައިވާ ކަމަށެވެ. މީގެ އިތުރުން ހުކުރު ދުވަހު އިސްރާއީލު ސިފައިން، ފަލަސްޠީނުގެ 4 ރައްޔިތުން ހައްޔަރު ކޮށްފައިވާކަންވެސް ފަލަސްޠީނުން ވަނީ ކަށަވަރުކޮށްދީފައެވެ.
ހުކުރުދުވަހުގެ ހަމަނުޖެހުންތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލު ސިފައިން އެކި ކަހަލަ އަނިޔާތައް ކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
This Israeli officer kicked a man while he was praying outside al-Aqsa Mosque compound. https://t.co/nrDVx0IKHX pic.twitter.com/oednoFTGWs
— Al Jazeera English (@AJEnglish) July 21, 2017
ހުކުރު ދުވަހު ގުދުސްގައި ހަމަނުޖެހުންތައް ހިނގާފައިވަނީ އުމުރުން 50 އަހަރުން ދަށުގެ ފިރިހެނުން އަލް އަޤްސާ މިސްކިތަށް ވަނުން އިސްރާއީލުން މަނާކުރުމާއި ވިދިގެންނެވެ. އިސްރާއީލުން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ، އަލް އަޤްސާ މިސްކިތުގައި މެޓަލް ޑިޓެކްޓަރު ބެހެއްޓުމަށް އިސްރާއީލުން ނިންމުމާއި ގުޅިގެން، ހުކުރު ދުވަހު ވަރުގަދަ މުޒާހަރާތައް ކުރާނެ ކަމަށް ބެލެވުމާއި ގުޅިގެންނެވެ.
ހުކުރު ދުވަހުގެ ހަމަނުޖެހުންތަކާއިއެކު، ގުދުސް އާއި ގުދުސްގެ ވަށައިގެންވާ ސަރަހައްދުތައް ބެލެހެއްޓުމަށް އިސްރާއީލުން އިތުރު ސިފައިން ނެރެފައިވާއިރު، އިސްރާއީލުން ބުނީ އެ ސަރަޙައްދުތަކަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
އިސްރާއީލުގެ މަނާކުރުންތަކާއި އެކުވެސް ހުކުރު ދުވަހުގެ ހުކުރު ނަމާދަށް، ކުދިބޮޑު އެތައް ބަޔަކު ވަނީ އަލް އަޤްސާ މިސްކިތަށް ގޮސްފައެވެ.