ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 04:02
އީސަ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ
އީސަ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
މި ރައީސް
ރައީސްގެ ފައިސާ އަޅާ ޖާޑިއެއް ހުރެގެންނުވާނެ: އީސަ
ސަރުކާރު ދެމެހެއްޓުމަށްޓަކައި ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތް

ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ފައިސާ އަޅާ ޖާޑިއެއް ހުރެގެންނުވާނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'މި ރައީސް' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީސަ ވިދާޅުވީ ރައީސްގެ ފައިސާ އަޅާ ޖާޑިއެއް ހުރެގެންނުވާނެކަމަށާއި ހުރެއްޖެނަމަ އެއޮތީ ރިޝްވަތު ނަންގަވާފަކަމަށެވެ. އަދި ދިވެހިދަޢުލަތުން ރައީސުލް ޖުމްހޫރީއަށް މުސާރަދެއްވާނެކަމަށާއި އިތުރު ފައިސާއެއް އެމަނިކުފާނުގެ ހުރެގެންނުވާނެކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ރައީސްގެ ސަރުކާރުން ވައްކަންކުރުމާއި ޙިޔާނާތާއި ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި އެއްވެސް ސުވާލެއްވެސް ނެތް. ބިރުގަންނަ ވަރަށް އެކަން ހިނގަމުން އެބަދޭ" އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ އައިޖީއެމްއެޗްގެ ހަ ހާސް އަކަފޫޓުގެ އިމާރާތަށް ބެއްލެވިކަމުގައިވިޔަސް އެކަން ފާހަގަކުރެވިގެންދާނެކަމަށާއި ހަމައެކަނި އެ އިމާރާތުގެ ކުރެހުމަށްވެސް 416.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުގެ ދިފާޢުގައި ރައްޔިތުން ނުކުންނަން ޖެހޭނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ ދިފާޢުގައި ކުރައްވާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެކަމަށްވެސް އީސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު އެތިއްބެވީ ރައްޔިތުންގެ އަޑު ފުރިހަމައަށް އަހައިގެންކަމަށާއި ރައްޔިތުންގެ ހައްޤުގައި މަޖިލީސް މެމްބަރުން ތިއްބެވީ ނިކުމެވަޑައިގެންކަމަށްވެސް އީސަ ވިދާޅުވިއެވެ.

އީސަ އިތުރަށް ވިދާޅުވީ 24 ޖޫން ވާ ހޯމަ ދުވަހު ރައްޔިތުންގެ ޒިންމާ އަދާކޮށްފިނަމަ  އަނިޔާވެރި ވެރިކަމެއްގެ އަތްދަށުން މި ޤައުމު ސަލާމަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އީސަ ވަނީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ފާހަގަކުރައްވާފައެވެ.

 

 

  
 

 

 

- ކޮމެންޓް