މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ދ.ކުޑަހުވަދޫ ޓީމަށް ހޯދުނީ ކުރި ބުރަ މަސައްކަތުން ކަމަށާއި، ޓީމުގެ ކޯޗުގެ ގޮތުގައި ދެމި ހުންނަން އަދި ނުނިންމާކަމަށް ކުޑަހުވަދޫ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި 0-2 ގެ ނަތީޖާއަކުން ތިނަދޫ ބަލިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން މޯހަން ބުނީ މިވަރު ކާމިޔާބީއެއް ޓީމަށް ލިބުނީ ފެށުނީއްސުރެ ކުރަމުން އައި ބުރަ މަސައްކަތުން ކަމަށެވެ.
އެގޮތުން މޯހަން ބުނީ މުބާރާތް ފެއްޓިއިރު ޓީމު އޮތީ ވަރަށް ދަށްކޮށް ކަމަށާއި، އެހެންނަމަވެސް ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުކުރަމުން އައިސް ޓީމުން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.
އަތޮޅު ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މޯހަން އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނީ އާއިލާއާއި ދުރުގައި ގިނަ ދުވަސް ހޭދަކުރަން ޖެހުމުން އެކަން އޭނާއަށް ފަސޭހަ ނުވި ކަމަށާއި، ފާއިތުވެގެންދިޔައީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ޓީމުގެ ޚިދުމަތްތަކަށް ބަލާއިރު ދަނޑު ފިޔަވައި ފުރަތަމަ ޑިވިޝަންގެ ކްލަބަކަށްވުރެވެސް ޓީމުގެ ޚިދުމަތް ރަނގަޅު ކަމަށެވެ.
މޯހަން ބުނީ ޓީމުގައި ތިބީ މޮޅުވާން ބޭނުންވާ ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިން ކުޅެމުންދަނީވެސް އެއްވެސް އުޖޫރައަކާ ނުލައި ކަމަށެވެ. އޭނާ ބުނީ ޓީމާ ހަވާލުވިއިރު، ޓީމުގެ ހާލަތު ވަރަށް ދަށް ކަމަށާއި، ވަރަށް ގިނަ ކަންތައްތަކެއް ދަސްކޮށްދޭން ޖެހުނު ކަމަށެވެ. މީގެއިތުރުން މޯހަން ބުނީ މިއީ ކުޅުންތެރިން ކަނުލައި އަޑުއަހައިގެން އަޙުލާޤު ރަނގަޅުކޮށް ކުޅެގެން ހޯދި ކާމިޔާބެއް ކަމަށެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް މެޗަށްފަހު ކުޑަހުވަދޫއާ އެކު ހަދާފައިވާ އެއްބަސްވުން ނިމިފައިވާ މޯހަން ބުނީ އޭނާ އެޓީމުގައި މަޑުކުރަން ނުނިންމާ ކަމަށާއި، އެއްޗެއް ބުނަން އެގޭނީ ކުރިއަށް އޮތް ދެ ދުވަހު ރެސްޓެއް ނެގުމަށްފަހު ކަމަށެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމު ކުރިން އަދާކޮށްފައިވާ މޯހަން އަކީ ނިއުގެ ކުރީގެ ކޯޗެވެ. އޭނާ ވަނީ ނިއުއާއެކު ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ.