އިޓާލިއަން ލީގުގައި ކަލިއާރީއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ މޮޅުވެއްޖެ އެވެ.
ކަލިއާރީގެ ދަނޑުގައި ކުޅުނު މެޗު ރޯމާ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ރޯމާ އިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހުސެން އައުމާ އެވެ. އޭނާ އެ ލަނޑު ޖެހީ ލިއޮނާޑޯ ސްޕިނަޒޯލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ މިނެޓެއްފަހުން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ރޯމާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ލުކާކޫ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރިކް ކާސްޑޯޕް އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ރޯމާގެ ތިން ވަނަ ލަނޑު، އަންދްރޭ ބެލޮޓީ ޖެހީ ލިއާންޑްރޯ ޕްރޭޑަސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ އިރުކޮޅެއް ފަހުން ލުކާކޫ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު، އަދި އޭނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ކަލިއާރީން ޖެހި ހަމައެކަނި ލަނޑަކީ 87 ވަނަ މިނެޓުގައި ނަހިޓަން ނާންޑޭޒް ޖެހި ލަނޑެވެ.
މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ 10 ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު އަށް މެޗުން 11 ޕޮއިންޓު ހޯދައިގެންނެވެ. ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނާ ގޮތުގައި މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދޭން ބޭނުންވަނީ ލީގުގެ ގަދަ ފަސް ޓީމުގެ ތެރޭގައި ހިމެނުމަށެވެ.