ވަރިވާން ކޯޓަށް އެދި ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެން މީހާއަށް ގުޅައި މެސެޖްކޮށް ހެދި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ ވަނީ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައެވެ. އެޖެންޑާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ.
މި މައްސަލަ ފޮނުވާފައިވަނީ ޖުޑީޝިއަރީ ކޮމިޓީއަށެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްއާ ގުޅޭގޮތުން ތަޙުޤީޤު ކުރި މައްސަލައިގައި، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލަ އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ޤަޟިއްޔާ ބަލަމުންދިޔަ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ދަޢުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް ޢަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަޙުޤީޤަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ އިޢުތިރާފުން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަޤުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލު ތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 9 ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ މާއްދާއާއި، 2.2 ވަނަ މާއްދާއާއި، 2.3 ވަނަ މާއްދާއާއި، 3.1 ވަނަ މާއްދާއާއި، 4.2 ވަނަ މާއްދާއާއި ޚިލާފު ޢަމަލުތަކެއްކަން ސާބިތުވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް 2023 ޖުލައި 23 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 48 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.