ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ތޯމަސް މުލާ އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ސީއީއޯ ޖެން ކްރިސްޓިއަން ޑްރީސެން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ބަޔާންގައި މުލާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ޑްރީސެން ވިދާޅުވީ، މުލާ އޭނާގެ އުމުރުން 67 އަހަރު ވަންދެން ކުޅެން ބޭނުންވާކަން ނުވަތަ ނޫންކަން އޭނާ އަށް ނޭންގޭ ކަމަށެވެ. ނަމަވެސް މުލާގެ ކުރިމަގާ މެދު އޭނާ އަށް އަދި ބަޔާނަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ވެސް ޑްރީސެން ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މުލާ އަކީ ބަޔާންގައި މުހިންމު ކުޅުންތެރިޔެެއް ކަމަށާއި، އެ ޓީމުން ކުރިއަށް ދާން ކުރާ މަސައްކަތުގައި މުލާގެ އެހީތެރިކަން އިންތިހާ އަށް ބޭނުންވާނެ ކަމަށެވެ. މުސްތަޤުބަލާ މެދު އެންމެ އެކަށީގެންވާ ވަގުތުގައި ގޮތެއް ނިމޭނެކަން ފާހަގަކޮށް ޑްރީސެން ވިދާޅުވީ، މިވަގުތަށް ޖެހޭނީ ވާނެ ގޮތެއް ބަލަން ތިބެން ކަމަށެވެ.
އުމުރުން މިހާރު 34 އަހަރުވެފައިވާ މުލާ ބަޔާނާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޖަރުމަނުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބަޔާނުން އަންނަނީ މުލާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން މިވަގުތަށް އެ ކުލަބުގެ ވިސްނުން ހުރީ އިތުރު އެއް އަހަރަށް މުލާގެ އެއްބަސްވުން އައު ކުރުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގައި ފައިނަލް ނިންމުމެއް ނިންމާނީ ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން ކަމަށް ވަނީ ބުނެފަ އެވެ.
މުލާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ބަޔާން އިން 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި 16 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 674 މެޗު ކުޅެދީ، 235 ލަނޑު ޖަހައިފަ އެވެ. ބަޔާނާއެކު މުލާ ވަނީ 32 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު، ޖަރުމަނު ކަޕް، ޖަރުމަނު ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.
މުލާ އަށް ވަނީ 2010 ވަނަ އަހަރު ޖަރުމަނު ޤައުމީ ޓީމުން ވެސް ޖާގަ ލިބިފަ އެވެ. އޭގެ ފަހުން އޭނާ އަށް ޤައުމީ ޓީމުން ޖާގަ ގެއްލުނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު މުލާ އަށް ވަނީ އަލުން ޖަރުމަނު ޤައުމީ ޓީމުން ޖާގަ ލިބިފަ އެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 123 މެޗު ކުޅެދީ 45 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު މުލާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.