ރަޝިއާ އިން ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރުން މަނާކުރާ އެއްބަސްވުން އުވާލާތީ އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރަޝިއާގެ މޮސްކޯ އިން ވަނީ 1996ގައި އެ ޤައުމުން ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރުން މަނާކޮށް ހަދާފައިވާ ޓްރީޓީ އެއްބަސްވުން ނުވަތަ މުއާހަދާ އުވާލާނެކަން އިއުލާންކޮށްފައެވެ. އެއާއި އެކު އެމެރިކާ އިން ވަނީ އެ ޚަބަރުގެ ސަބަބުން އެ ގައުމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް ބުނެފައެވެ. ރަޝިއާގެ އެންވޯއި ޓު ދަ ކޮމްޕްރިހެންސިވް ނިއުކްލިއަރ ޓެސްޓް ބޭން ޓްރީޓީ އޯގަނައިޒޭޝަން (ސީޓީބީޓީއޯ)، މިޙައިލް އުލްޔަނޯވް ވަނީ އެ އެއްބަސްވުން އުވާލަން ނިންމިކަން ހުކުރު ދުވަހު މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
މި ނިންމުމާއި އެކު ޔުކްރެއިނާއި ރަޝިއާ އާއި ދެމެދު އޮތް ހަމަނުޖެހުމުގެ ނުރައްކަލުގެ ބިރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އުލްޔަނޯވް ބުނީ އަމާޒަކީ ނިއުކްލިޔަރ ހަތިޔާރުތައް ޓެސްޓް ނުކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއިކުރުމަށް ފަހު އެއަށް އަމަލުކުރަމުން ނުދާ އެމެރިކާ އާއި އަރާ ހަމަކުރުން ކަމަށެވެ. އަދި އެ އެއްބަސްވުން އުވާލުމުގެ މާނައަކީ ނިއުކްލިއަރ ޓެސްޓްތައް ކުރަން ފަށަން ގަސްތުކުރުން ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ނިއުކްލިޔަރ ހަތިޔާރުތައް ޓެސްޓްކުރުމުގެ ސީދާ އެއްބަސްވުމަށް އެމެރިކާގެ ވޮޝިންޓަނުން އަމަލު ނުކުރި ނަމަވެސް 1992 އިން ފެށިގެން ނިއުކްލިއަރ ހަތިޔާރު ގޮއްވުން ފަދަ ޓެސްޓްތައް ކުރުން ކުރިއަށް ގެންދިއުން ވަނީ މަނާކޮށްފައެވެ.