ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 17:33
ޕަބްލިކް ހެލްތް ކޯޑިނޭޓަރ އަބްދުﷲ މުއާޒު
ޕަބްލިކް ހެލްތް ކޯޑިނޭޓަރ އަބްދުﷲ މުއާޒު
ރާއްޖެއެމްވީ
ގައިންގަޔަށް ނާރާ ބަލިތައް
ބަލި ޖެހުމުގެ މައިގަނޑު ހިރާސްތަކަކީ ދުންފަތުގެ އިސްތިއުމާލް ކުރުމާއި ރަނގަޅު ކާނާ ބޭނުން ނުކުރުން: މުއާޒު
ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވެފައިވޭ
ބަލިން ރައްކާތެރިވުމުގެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވާންޖެހޭ
ބަލިން ރައްކާތެރިވުމުގެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވެ، ފައިދާ ހުރި ކާނާ ބޭނުންކޮށް ހެލިފެލިވެ އުޅުމުގެ ނިސްބަތް އިތުރުކުރަންޖެހޭ

ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ މައިގަނޑު ހިރާސްތަކަކީ ދުންފަތުގެ އިސްތިއުމާލް ކުރުމާއި ރަނގަޅު ކާނާ ބޭނުން ނުކުރުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ އަބްދުﷲ މުއާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ އަބްދުﷲ މުއާޒު ވިދާޅުވީ، ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާކަމަށެވެ.

މިފަދަ ބަލިތައް ޖެހުމުގެ މައިގަނޑު ހިރާސްތައް އެޗްޕީއޭ އިން ދިރާސާ ކުރަމުންދާކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވީ، މައިގަނޑު ހިރާސްތަކަކީ ދުންފަތުގެ އިސްތިއުމާލް ކުރުމާއި ރަނގަޅު ކާނާ ބޭނުން ނުކުރުންކަމަށެވެ.

އޭގޮތުން، ބަލިން ރައްކާތެރިވުމުގެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވެ، ފައިދާ ހުރި ކާނާ ބޭނުންކޮށް ހެލިފެލިވެ އުޅުމުގެ ނިސްބަތް އިތުރުކުރަން ޖެހޭކަމަށް މުއާޒު ފާހަގަކުރިއެވެ.

މީގެއިތުރުން ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ދުންފަތުގެ ދުމުން ރައްކާތެރިވުމާއި، ދުޅަހެޔޮ ކާނާ ކެއުމާއި ކަސްރަތުކުރުމަށް އާދަކުރުމާއި، މަސްތުވާތަކެތި ބޭނުން ނުކުރުމާއި، ނަފުސާނީ ސިއްހަތާއިމެދު ސަމާލުވުން މުހިއްމުކަމަށެވެ.

ބިޒީ ޝެޑިއުލްގެ ތެރޭގައި ހިމަނަންޖެހޭ ކެއިން ބުއިމުގެ އާދަތައް ބަދަލުކޮށް ލޮނު ބޭނުންކުރާ ނިސްބަތް މަދުކޮށް، 5 ގުރާމަށް ވުރެން އިތުރަށް ލޮނު ބޭނުން ނުކުރުން، ދުވާލެއްގެ މައްޗަށް. ކޮލެސްޓްރޯލް ޗެކްކުރުމާއި ހަރަކާތްތެރިވެ އުޅޭ ނިސްބަތް 30 މިނެޓަށް ވުރެން އިތުރުކުރަން އެބަޖެހޭ. ކެއިން ބުއިމުގައި ތަރުކާރީ އާއި މޭވާ ބޭނުންކުރާ ނިސްބަތް އިތުރުކުރުން.
ޕަބްލިކް ހެލްތް ކޯޑިނޭޓަރ އަބްދުﷲ މުއާޒު

މީގެއިތުރުން މުއާޒު ވިދާޅުވީ އެންމެ ގިނައިން ރިޕޯޓުކުރެވޭ ގައިންގަޔަށް ނާރާ ބަލިތަކަކީ، ހިތާއި ލޭ ހޮޅިތަކުގެ ބަލިތަކާއި ހަކުރު ބަލި އަދި ލޭ މައްޗަށް ދިޔުންކަމަށެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ގަވައިދުން ޗެކްއަޕް ހެދުމާއި، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަަކާއި އެއްގޮތަށް އަމަލުކުުރުން މުހިއްމުކަމަށް މުއާޒު ވަނީ ފާހަގަކުރައްވާފައެވެ.

ހިތުގެ ސިއްހަތާއި ގުޅިފައިވާ ހިތުގެ ތަފާތު ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު ދުނިޔޭގައި ގާތްގަނޑަކަށް 20.5 މިލިއަން މީހުން މަރުވާކަމަށް ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން އެޗް.ޕީ.އޭ އިން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

- ކޮމެންޓް