ސޫރިޔާގެ ހަމްސް ޕްރޮވިންސްގެ އަސްކަރީ ކޮލެޖެއްގައި ދަސްވެނިވުމުގެ ރަސްމިއްޔާތެއް ހިނގަމުން ދަނިކޮށް ދިން ޑްރޯން ހަމަލާއެއްގައި 100 މީހުން މަރުވެ، އިތުރު 240 މީހުން ޒަޚަމްވެފައިވާ ކަމަށް ހަނގުރާމައިގެ މޮނިޓަރަކާއި ސޫރިޔާގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ 125 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ސޫރިޔާގެ ހެލްތް މިނިސްޓަރު ހަސަން އަލް ގަބާޝް ދައުލަތުގެ ޓީވީއަށް ވިދާޅުވީ ހަ ކުޑަކުދިންނާއެކު 80 މީހުން މަރުވެފައިވާ ކަމަށާއި ނަމަވެސް ގާތްގަނޑަކަށް 240 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ޒަހަމްވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ހާލު ސީރިއަސްކަމުން މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ސޫރިޔާގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނެފައިވަނީ ބުރާސްފަތި ދުވަހުއޮތް އެ ރަސްމިއްޔާތަށް އަމާޒުކޮށް ދީފައިވާ ޑްރޯން ހަމަލާއެއް ކަމަށެވެ.
އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ މި ހަމަލާއަށް "ބައިނަލްއަގްވާމީ މަޝްހޫރު ބާރުތަކުގެ ތާއީދު ލިބިފައިވާ" ކަމަށް ތުހުމަތުކޮށްފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ހަމްސްއަށް ދިން ޑްރޯން ހަމަލާއާއި ސޫރިޔާގެ ހުޅަނގު އުތުރުގައި ބަދަލުހިފުމުގެ ހަމަލާތައް ދިން ކަމުގެ ރިޕޯޓްތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސޫރިޔާގެ ދިފާއީ ވަޒީރު، ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ހަމަލާގެ ކުޑަ އިރުކޮޅެއް ކުރިން ފުރާވަޑައިގެންފައިވާ ކަމަށް ސޫރިޔާގެ ސަލާމަތީ މަސްދަރަކާއި ސަރަހައްދީ އިއްތިހާދުގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެއެވެ.
ރަސްމިއްޔާތަށް ފަހު މީހުން ތައް ނިކުންނަނިކޮށް ބާރުގަދަ ގޮވުމެއްގެ އަޑުއިވުނު، އެއީ ކޮންތަނަކުން އައި އެއްޗެއް ކަމެއް ނޭނގޭ، މީހުންގެ ހަށިތައް އެތަންމިތަނަށް ބުރަބުރައިގެން ތިޔަތަން ފެނުނު،ހަފްލާގައި ބައިވެރިވި ސޫރިޔާ މީހަކު
މި ހަމަލާ ދިންތާ ކުޑަ އިރުކޮޅެއް ފަހުން ބައްޝާރުގެ ސަރުކާރުގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތައް އެ ގައުމުގެ ހުޅަނގު އުތުރުގައި އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރާ އެންކްލޭވްތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދިންކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.
ސޫރިޔާގެ ހުޅަނގު އުތުރުޕްރޮވިންސް ކަމަށްވާ އިދްލީބަށް އަސްކަރިއްޔާއިން ދިން ޙަމަލާތަކުގައި އަންހެނަކާއި ކުޑަކުއްޖަކާއެކު ހަ މީހުން މަރުވެ 40 މީހުން ޒަޚަމްވެފައިވާކަމަށް ސޫރިޔާގެ ވޮލަންޓިއަރ އިމަރޖެންސީ ރެސްކިއު ގްރޫޕަކުން ވަނީ ބުނެފައެވެ.
ވައިޓް ހެލްމެޓްސްގެ ނަމުން ނަން ދީފައިވާ ސީރިއަން ސިވިލް ޑިފެންސް އިން ބުނި ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އިދްލީބް ގަވަރުނަރޭޓްގެ 20 އަވަށަކަށެވެ. ޒަހަމްވި މީހުންގެ ތެރޭގައި 8 ކުޑަކުދިންނާއި 8 އަންހެނުން ހިމެނެއެވެ.