ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަނަ މެޗުގައި އާރްބީ ލައިޕްޒިގް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ގްރޫޕް ޖީގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ދެ ޓީމު ކުޅުނު މެޗުން ވެސް އޮތީ މޮޅުވެފަ އެވެ. އެހެންކަމުން ބުދަ ދުވަހުގެ ރޭ ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވާ ޓީމަކަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތެވެ. ވާދަވެރި އެ މެޗު ސިޓީން ކާމިޔާބު ކުރީ 3-1 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފިލް ފޮޑެން އެވެ. އޭނާ އެ ލަނޑު ޖެހީ ރިކޯ ލެވިސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް ދެ ވަނަ ހާފަށް ނިކުމެ ލައިޕްޒިގުން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޔޫސުފް ޕޯލްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލައިޕްޒިގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލޮއިސް އޮޕެންޑާ އެވެ. މެޗުގެ ފަހު ދިހަ މިނެޓާ ހަމައަށް ދިޔައިރު ވެސް އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހެ އެވެ. ނަމަވެސް ފަހު ދިހަ މިނެޓުގެ ތެރޭގައި ސިޓީން ދެ ލަނޑު ޖެހި އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ސިޓީ އަށް ދެ ވަނަ ފަހަަރަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ހޫލިއަން އަލްވަރޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ސިޓީގެ ތިން ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޑޮކޫ ޖެހީ އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ދެ ކުޅުންތެރިން ވެސް ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެެރިންގެ ގޮތުގަ އެވެ.
މޮޅާއެކު ސިޓީ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ހޯދައިގެންނެވެ. ބަލިވި ނަމަވެސް ލައިޕްޒިގް އޮތީ ދެ ވަނައިގަ އެވެ. އެއީ ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި އޮތް ޔަންގް ބޯއީސް އަދި ހަތަރު ވަަނައިގައި އޮތް ޒުވެޒްޑާ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.