ޔުއެފާ ޗެމްޕިއަންސް ލީގުގައި ފެޔެނޫޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ފުރަތަމަ މޮޅު ހޯދައިފި އެވެ.
ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު ހިމެނިފައި އޮތީ ގްރޫޕް އީގަ އެވެ. މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން އެތުލެޓިކޯ ވަނީ އެއްވަރުވެފަ އެވެ. ނަމަވެސް ފެޔެނޫޑު ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެހެންކަމުން އެތުލެޓިކޯ ކައިރިން ބަލި ނުވެ ފަރު ޖައްސާލައިގެން އެ ޓީމަށް އެއް ވަނައިގައި އޮވެގެން އޮތެވެ. ނަމަވެސް ބުދަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 3-2 އިން ބަލިވެފަ އެވެ.
މެޗުގައި ފުރަތަމަ ލީޑު ލިބުނީ ވެސް ފެޔެނޫޑަށެވެ. އެއީ މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެތުލެޓިކޯގެ ޑިފެންޑަރު މާރިއޯ ހާމޯސޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ފެޔެނޫޑުން ދެ ވަނަ ފަހަރަށް ލީޑު ނެގި އެވެ. އެ ޓީމަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޑޭވިޑް ހަންކޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ފަހަރަށް އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އެވެ. އޭނާ އެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މެޗުން އެތުލެޓިކޯ މޮޅުކޮށްދިން ލަނޑު މޮރާޓާ ޖެހީ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގަ އެވެ. އޭނާ އެ ލަނޑު ޖެހީ ނަހުއެލް މޮލީނާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާއެކު އެތުލެޓިކޯ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. އެތުލެޓިކޯ އަތުން ބަލިވި ނަމަވެސް، ފެޔެނޫޑް އޮތީ ގްރޫޕްގެ ދެ ވަނައިގަ އެވެ. އެއީ ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ.