މޮސްކޯ (އޮކްޓޯބަރު 4) - ރަޝިއާގެ ދުރުއިރުމަތީގައި ދިރިއުޅޭ އުމުރުން ދުވަސްވީ އަންހެނެއްގެ ސިކުނޑިއަށް ހެރިފަ ހުރި އިންޗިއެއް ހާ ދިގު ދަގަނޑު ތިނޯހެއް ފެނިއްޖެއެވެ. އެމީހާ 80 އަހަރު ވަންދެން ދިރިއުޅުނީ އެ ތިނޯހާއި އެކުގައި ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.
ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި އެ އަންހެން މީހާ އަކީ ތުއްތުކުއްޖެގެ ގޮތުގައި ހުރިއިރު، އޭނާގެ މައިންބަފައިންގެ ފަރާތުން އަނިޔާއާއި، ހާނީއްކަ ލިބިފައިވާކަމަށް ބެލެވޭމީހެކެވެ. އަދި އޭނާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުއޮތް އިރުވެސް އެތިނޯސް ނަގަން މަސައްކަތް ނުކުރާކަން ޑޮކްޓަރުން ވަނީ ބުނެފައެވެ.
ރަޝިއާގެ ދުރު ސަރަހައްދެއް ކަމަށްވާ ސަޚާލިންގެ ލޯކަލް ހެލްތު ޑިޕާޓްމަންޓުން ބުނީ، ބަނޑުހައިހޫނުކަމުގެ އަހަރުތަކުގައި މިފަދަ ކޭސްތައް ފެނުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އުފަންވެފައިވާ މި ފަދަ މީހުންނަށް އަދި ޚާއްޞަކޮށް އަންހެނުންނަށް މިފަދަ ހާނިއްކަތައް އެމީހުންގެ ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ އެތައް ކޭސްތަކެއް ފެނިފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި ކުށުގެ ހެކި ފޮރުވުމަށް ގިނަ ފަހަރަށް މި ފަދަ ކޭސްތަކާމެދު އަޅައިނުލައި ދޫކޮށްލައިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަންގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި އިރު، ގިނަ ބަޔަކު ދިރިއުޅެމުން ދިޔައީ ވަރަށް ފަގީރު ހާލަތުގައި ބަނޑުހައި ހޫނުކަން މަތީގަ އެވެ.
"އޭނާގެ ވާތު ޕެރިއެޓަލް ލޮބަށް އެ ތިނޯސް ވަދެފައި ހުއްޓަސް އޭގެން އުނދަގުލެއް ނުވޭ، ސީރިޔަސް ގެއްލުމެއް ނުލިބި އަންހެންމީހާ ސަލާމަތްވީ،"ރަޝިއާގެ ހެލްތު ޑިޕާޓްމަންޓު
އަދި އޭގެ ސަބަބުން ބޮލުގައި ރިއްސުމުގެ ޝަކުވާ ބަލިމީހާ ދުވަހަކުވެސް ކޮށްފައި ނުވާ ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި އެ އަންހެން މީހާގެ ހާލު ބައްލަވަމުން ގެންދަވަނީ އެޓެންޑިންގ ފިޒީޝަނުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މަސްދަރު: އޭއެފްޕީ/އީސީ