ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
ކޯޕަންހޭގަންގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކޯޕަންހޭގަން އިންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލޫކަސް ލެރަގާ އެވެ. ނަމަވެސް އޭގެ ފަހުން 67 ވަނަ މިނެޓުގައި ބަޔާންގެ ޖަމާލް މުސިއާލާ ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ނުސައިރް މަޒްރައޫއީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުން ބަޔާން މޮޅު ކޮށްދިން ލަނޑު 83 ވަނަ މިނެޓުގައި ޖެހީ މަތީސް ޓެލް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ތޯމަސް މުލާ އެވެ.
ގްރޫޕް އޭ ގައި ބަޔާނުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށްފަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ހޯދައިގެން ބަޔާން އޮތީ އެއް ވަނައިގަ އެވެ. ބަޔާން އަތުން ބަލިވި ކޯޕަންހޭގަން އޮތޯ ގްރޫޕްގެ ތިން ވަނައިގަ އެވެ.