ކ. މާލެ
|
4 އޮކްޓޯބަރ 2023 | ބުދަ 10:16
ކްރިކެޓް ވޯލްޑްކަޕުން ފެނިގެންދާނެ ބައެއް ބެޓްސްމަނުން
ކްރިކެޓް ވޯލްޑްކަޕުން ފެނިގެންދާނެ ބައެއް ބެޓްސްމަނުން
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
މެޗު ބަދަލުކޮށްދޭނެ ފަސް ބެޓްސްމަނުން
50 އޯވަރުގެ މެޗުތަކުގެ މުބާރާތުގައި 10 ގައުމަކުން ވާދަކުރާނެ

ދުނިޔޭގެ ތައްޓަށް ކުޅޭ ކްރިކެޓް މުބާރާތް މާދަމާ އިންޑިޔާގައި ފަށާނެ އެވެ. އެއް ދުވަހުގެ 50 އޯވަރުގެ މެޗުތަކުގެ މުބާރާތުގައި 10 ގައުމަކުން ވާދަކުރާނެ އެވެ. ފުރަތަމަ ބުރުގައި ލީގު އުސޫލުން އެއް ބުރު ކުޅޭނެތީވެ ލީގު މެޗުތަކުގެ އަދަދު 45 އަށް އަރާނެ އެވެ. މުބާރާތުގެ ސެމީ ފައިނަލަށްދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ގައުމެވެ.

ތިރީގައި މި ބަލާލަނީ އިންޑިޔާގެ ދަނޑުތަކުގައި މެޗު ބަދަލުކޮށްލުމުގެ ގާބިލްކަން އެންމެ ބޮޑަށް ލިބިފައިވާ ކަމަށް ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ފަސް ބެޓްސްމަނުންނަށެވެ.

1. ބަބަރް އަޒަމް (ޕާކިސްތާން)

މިދިޔަ މަހު ނިމުނު އޭޝިޔާ ކަޕުގައި ވެސް ޕާކިސްތާނުގެ އެންމެ ގަދަ ބެޓްސްމަނަކަށް ފެނުނީ އަޒަމް އެވެ. ބާރު އުކުންތެރިޔާ ނަސީމް ޝާހަށް ނުކުޅެވޭތީވެ ޕާކިސްތާނުން ވޯލްޑްކަޕް ކާމިޔާބު ކުރުމަށް ދަތިތައް ކުރެވޭނެ އެވެ. ނަމަވެސް ބަބަރް އަޒަމްގެ ބެޓިން ރަނގަޅުވުމަކީ ޕާކިސްތާނުގެ އެންމެ ތޫހު ހަތިޔާރެވެ. އުއްމީދެވެ. އެއް ދުވަހުގެ މެޗުތަކުގައި އޭނާގެ އެވްރެޖެ ބެޓިން އުޅެނީ 58.16ގަ އެވެ. ބާރު ބޯޅަތަކެއް ވައިގެތެރެއަށް ފޮނުވާލުމުގެ ބަދަލުގައި ބަބަރް އަޒަމް އަކީ ވިސްނުންތެރިކަމާއެކު ގިނަ ލަނޑުތަކެއް ޓީމަށް ހޯދައިދޭ ކުޅުންތެރިއެކެވެ.

2. ޝުބްމަން ގިލް (އިންޑިޔާ)

ގިލް މިވަގުތު ހުރި ފޯމަކީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމެވެ. މި އަހަރުގެ ކުޅުނު އެއް ދުވަހުގެ 20 މެޗުގައި އޭނާ ވަނީ 1230 ލަނޑު ހަދައިފަ އެވެ. ނިމިދިޔަ އޭޝިޔާ ކަޕް އިންޑިޔާ ކާމިޔާބުކުރިއިރު ޓީމުގެ އެންމެ ލީޑިން ބެޓްސްމަނަކީ ވެސް އޭނާ އެވެ. އޭނާގެ މޮޅު ކުޅުމާއި ބެޓީން ޕާޓްނަރު އަދި ކެޕްޓަން ރޯހިތް ޝަރުމާގެ ޕާޓްނާޝިޕް ރަނގަޅުވުމަކީ އިންޑީޔާއިން ތަށި ހޯދުމަށް އެޅޭ ބާރަކަށްވާނެ އެވެ. ގިލް އަކީ ކްރިކެޓްގެ ކޮންމެ ފޯމެޓެއްގައި މޮޅަށް ބެޓްކުރާ ކުޅުންތެރިއެކެވެ.

3. ސްޓީވް ސްމިތް: (އޮސްޓްރޭލިޔާ)

އުމުރުން 34 އަހަރުގެ ބެޓްސްމަން ވޯލްޑްކަޕް ޓީމުގައި ހިމެނީ އޭނާގެ މުލައްދަނޑިއަށް ލިބިފައިވާ އަނިޔާ ރަނގަޅުވަމުން އަންނަނިކޮށެވެ. އޭނާ އަކީ ޓީމު ބަލިވަމުން އަންނަ ދަނޑިވަޅުގައި އަބަދުވެސް ޓީމު ހަމަޔަކަށް އަޅުވައިދޭ ކުޅުންތެރިއެކެވެ. ބައެއް ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކާވެސް އެކު ސްމިތު ޓީމަށް އައުމަކީ އޮސްޓްރޭލިޔާއިން ހަ ވަނަ ފަހަރަށް ތަށި ހޯދަން ކުރާ އުއްމީދު ފޮނިވާ ސަބަބެކެވެ.

4. ކޭން ވިލިއަމްސަން (ނިއުޒީލޭންޑް)

ވިލިއަންސަން އަކީ ނިއުޒީލޭންޑްގެ ކުރީގެ ކެޕްޓަނެވެ. ރިޓަޔާކޮށްގެން ހުރުމަށްފަހު  އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ އަލުން ޓީމަށް އައީ ވޯލްޑްކަޕަށް ތައްޔާރުވާން ކުޅުނު މެޗުތަކުގައި ޕާކިސްތާނާ ދެކޮޅަށެވެ. އޭނާ އަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅުނުވާތީވެ އިންގްލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. އޭނާ އަކީ އެންމެ ފަހުގެ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެއް ދުވަހުގެ މެޗުތަކުގައި 6500ވުރެ ގިނަ ލަނޑު ހަދައިފަ އެވެ. އޭނާގެ އެނބުރި އައުމަކީ ޓީމަށް ލިބޭ ދިރުމެކެވެ.

5. ބެން ސްޓޯކްސް (އިންގްލޭންޑް)

ސްޓޯކްސް މި ފަހަރުގެ މުބާރާތަށް ކުރިމަތިލަނީ ކުޅުން ހުއްޓާލައިގެން ހުރުމަށްފަހު އެވެ. އޭނާ އަކީ އެއް ދުވަހުގެ މެޗުތަކުގައި އިނގިރޭސިވިލާތުން އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. އޭނާ އަކީ 2019 ވަނަ އަހަރު އަލަށް އިނގްލޭންޑަށް ވޯލްޑްކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ އެވްރެޖް ބެޓިން ރޭޓަކީ 40.50 ލަނޑެވެ.

- ކޮމެންޓް