ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ އެ އުސޫލު އެކުލަވާލައިފައިވަނީ ޑިރެކްޓަރުން ނަޒާހަތްތެރިކަމާއެކު ޖަވާބުދާރީވަނިވި އަދި ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތް ކުރުމަށާއި އަމަލުތައް ބެހެއްޓުމަށް ބާރުއެޅުމާއި ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކުރާނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުމާއެކު އެކަމުގައި އަމަލުކުރެވޭނެ އިޖުރާއަތްތައް ކަނޑައެޅުމަށް ކަމަށެވެ.
އުސޫލުގައިވާ ގޮތުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ގަބޫލު ކުރެވިއްޖެ ނަމަ، ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ އިންކުއަރީއެއް ހެދުމާ މެދު ގޮތެއް ނިންމައި ތިން ދުވަހުގެ ތެރޭގައި އިންކުއަރީއެއް ހަދަން ޖެހެއެވެ.
އުސޫލުގެ ދަށުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވާނަމަ ޝަކުވާ ހުށަހެޅުމުގެ ހައްގު އެކަމުގައި މަސްލަހަތު އޮތް ކޮންމެ މީހަކަށް ލިބެއެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ދޭން ޖެހެއެވެ.
ހުށަހެޅޭ މައްސަލަ ބަލައިނުގަތުމަށް ނިންމިޔަސް ތިން ދުވަހުގެ ތެރޭގައި، އެ ޝަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ އުސޫލަށް އަމަލުކުރުމަށް އަންގައިފައެވެ.