ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 11:29
މެޗުގައި ލަނޑު ޖެހުމަށްފަހު މާޓިނޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މާޓިނޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ސެލަނިޓާނާ ބަލިކޮށް އިންޓަ އިން މަގާމު ދެމެހެއްޓިއިރު، ވިދާލީ މާޓިނޭޒް
 
މި ސީޒަންގެ ލީގުގައި މިހާތަނަށް މާޓިނޭޒް ވަނީ ނުވަ ލަނޑު ޖަހައިފައި

އިޓާލިއަން ލީގުގައި ސެލަނިޓާނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާން އެއް ވަނަ މަގާމު ދަހަމައްޓައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސެލަނިޓާނާގެ ދަނޑުގައި ކުޅުނު މެޗު އިންޓަ އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މި ސީޒަންގެ އިޓާލިއަން ލީގުގައި މިހާތަނަށް ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ އިންޓައިން މެޗުގައި ޖެހި ހަތަރު ލަނޑަކީ ވެސް އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް ޖެހި ލަނޑުތަކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޓަ އިން ވަނީ ލަނޑު ޖަހައި ލީޑު ނެގުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ދެ ޓީމު އެއްވަރުވެގެންނެވެ. ދެ ވަނަ ހާފުގައި މާޓިނޭޒް އިންޓަ އަށް ލީޑު ނަގައިދިނީ މާކަސް ތުރަމް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ސެލަނިޓާނާގެ މަތެއުސް ލެގޯވްސްކީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަލައި ނުގަތުމަށެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި މާޓިނޭޒް ދެ ވަނަ ލަނޑު ޖެހީ ނިކޮލަސް ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ތިން ވަނަ ލަނޑު 85 ވަނަ މިނެޓުގައި މާޓިނޭޒް ޖެހީ ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. އިންޓަގެ ފަހު ލަނޑު މާޓިނޭޒް ޖެހީ ކާލޮސް އަގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި ސީޒަންގެ ލީގުގައި މިހާތަނަށް މާޓިނޭޒް ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް އޭނާ އެވެ. އެ ލިސްޓުގެ ދެ ވަނައިގައި އޮތީ ޗެމްޕިއަން ނަޕޯލީގެ ވިކްޓާ އޮސީމެން އެވެ. އޭނާ ވަނީ މިހާތަނަށް ފަސް ލަނޑު ޖަހައިފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން އިންޓަ ވަނީ 18 ޕޮއިންޓު ހޯދައިފަ އެވެ. ހަތް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން މޮޅުވެފަ އެވެ. އެއް މެޗުން ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް