ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިން ގޮތް ނިންމުމަށް ބޭއްވި އިންތިޚާބު ނިމިއްޖެއެވެ.
ހޮނިހިރު ދުވަހުގެ އިންތިޚާބުގެ ވޯޓަށްފަހު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ފެނިގެންދިޔައީ އިންތިޚާބުގެ ކަންކަން ރޭވިފައި ހުރި ގޮތާމެދު ރައްޔިތުންގެ ހިތްހަމެޖެހުމެވެ. މިއީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ފެނުނު މަންޒަރާ އަޅާ ބަލާއިރު ވަރަށް ތަފާތު މަންޒަރެކެވެ.
މިއަހަރު ރިޔާސީ އިންތިޚާބުގެ ދެ ބުރެއް ބާއްވާފައިވާއިރު ދެ ބުރުގައި ވެސް ވޯޓުލުން ކުރިއަށްދިޔައީ ވަރަށް އަމާން ކަމާއި އޮމާން ކަމާއެކުގައެވެ. ބައެއް ވޯޓުލާ މަރުކަޒުތަކުގައި ކުދި މައްސަލަތަކެއް ދިމާވި ނަމަވެސް އެ ހުރިހާ މައްސަލައެއްވެސް ބަލައި، އެކަންކަމަށް ހައްލު ހޯދައި، ވޯޓުލުމުގެ ކަންކަން ވަނީ އަމާންކަމާއެކު ކުރިއަށްގެންގޮސްފައެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ކަންކަން ރޭވިފައި ހުރި ގޮތާމެދު ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައް ހުއްޓެވެ. އޭގެ ތެރޭގައި ކިޔޫގައި ޖެހިގެން މާ ގިނަ ވަގުތު ތިބެން ޖެހުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަދެ ނުކުމެވޭ ގޮތް ނެތުމާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި މާބަނޑު މީހުން ކިޔޫގައި މަޑުކުރަން ޖެހުން ފަދަ ކަންކަން ހިމެނެއެވެ. ގިނަ ބަޔަކު ހިތްހަމަޖެހުނީ އިންތިޚާބުގެ ދެވަނަ ބުރުގައި މި ހުރިހާ ކަމަކަށް ހައްލު ލިބިގެންދިޔުމުންނެވެ.
ސޯޝަލް މީޑިއާގައި އިންތިޚާބާ ގުޅޭ ގޮތުން ގިނަ ބަޔަކު ވަނީ މި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އިންތިޒާމު ރަނގަޅު، އަމާން އިންތިޚާބުކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަނުގެ މެންބަރުންނަށް ތައުރީފު ކޮށްފައެވެ. އެގޮތުން، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ކަންކަން ރޭވިފައި ހުރި ގޮތުން ވޯޓުލާ މަރުކަޒުގެ ތެރެއިން އެ މީހަކު ވޯޓުލާ ފޮށި ބަހައްޓާފައިވާތަން ހޯދުމަށާއި ކިޔޫގައި އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހުނު ފަރާތްތަކަށް ވެސް ދެވަނަ ބުރުގައި ފަސޭހަކަމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވޯޓުލުމުގެ ކަންކަން ނިންމާލެވުނުކަން ފާހަގަކުރެއެވެ.
ފުރަތަމަ ބުރުގައި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ވީލް ޗެއާގައި ތިބޭ ފަރާތްތަކަށް ވޯޓުލާ މަރުކަޒުތަކަށް ވަދެ ނުކުމެވޭނެ ގޮތް ނެތުމުގެ ސަބަބުން އާއްމުން ކަންބޮޑުވުން ފާޅު ކުރިއެވެ. އީސީން ވަނީ ދެވަނަ ބުރުގައި އެ ބަދަލު ގެނެސް ވީލްޗެއަރ އެކްސެސް ނެތް ހުރިހާ ވޯޓުލާ މަރުކަޒެއްގައި ވެސް ވީލްޗެއަރ އެކްސެސް ގާއިމުކޮށްދީފައެވެ. އަދި ވޯޓުލާން ދާ ފަރާތްތަކަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ އޮފިޝަލުން ވެސް ދެވަނަ ބުރަށް އިތުރުކޮށްފައެވެ.
މީގެ އިތުރުން ފުރަތަމަ ބުރުގައި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ޖާގައިގެ ދަތިކަމާއި އެ ނޫންވެސް އެހެން ބައެއް ދަތިކަންކަން ހުރުމުގެ ސަބަބުން އެ މަރުކަޒުތަކުގައި ވޯޓުލި ފަރާތްތަކުން ޝަކުވާ ހުށަހެޅުމުން 99 މަރުކަޒެއް އީސީން ވަނީ ދެވަނަ ބުރުގައި އެހެން ތަންތަނަށް ބަދަލުވެސް ކޮށްފައެވެ.
އީސީން އިންތިޚާބުގެ ދެވަނަ ބުރުގެ އިންތިޒާމުތަކަށް ގެނައި ބަދަލުތަކާއެކު ވޯޓުލާން ހޭދަވާ ވަގުތު މަދުވެ ވޯޓުލާން ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވި އިރު ގިނަ މަރުކަޒުތަކުގައި ކިޔޫއެއް ނެތެވެ. އެހެން އިންތިޚާބުތަކުގައި ފެންނިގެންދަނީ ސުންގަޑި ހަމަވާއިރު ކިޔޫގައި އެތައް ބަޔަކު ތިބުމުގެ ސަބަބުން ވޯޓުފޮށި ބަންދުކުރާ ވަގުތު ލަސްވެގެންދާ މަންޒަރެވެ. މީގެ ސަބަބުން އިންތިޚާބުގެ ނަތީޖާވެސް ހާމަކުރުން ލަސްވެއެވެ. ނަމަވެސް މި އިންތިޚާބުގައި ރާއްޖޭގައި ބެހެއްޓި 90 އިންސައްތައަށްވުރެ ގިނަ ވޯޓުފޮށިތައް ކަނޑައަޅާފައި އޮތް ގަޑިއަށް ބަންދުކޮށް، ގުނަން ފެށުނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ވެގެންދިޔައީ ރެކޯޑު އަދަދެއްގެ މީހުން ވޯޓު ނުލާ ބުރަކަށެވެ. ވޯޓުލުމުގެ ޙައްގު ލިބުނު މީހުންގެ ތެރެއިން 20 އިންސައްތައަށްވުރެ ގިނަ މީހުން އެ ބުރުގައި ވޯޓެއް ނުލައެވެ. ނަމަވެސް ދެވަނަ ބުރުގައި މެންދުރު 1:00 އާ ހަމައަށް 50 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލިއިރު އިންތިޚާބު ނިމުނުއިރު 86 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލިއެވެ.