ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 10:01
މެޗުގައި ލަނޑު ޖެހުމަށްފަހު މޮޓްރޮވިޗް، ނޭމާ އާއެކު އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މޮޓްރޮވިޗް، ނޭމާ އާއެކު އުފާ ފާޅު ކުރަނީ
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
އަލް ޝަބާބް ބަލިކޮށް، އަލް ހިލާލް އެއް ވަނަ އަށް
މޮޅާއެކު އަލް ހިލާލް އެއް ވަނަ އަށް ޖެހިލީ މިހާތަނަށް ކުޅުނު އަށް މެޗުން 20 ޕޮއިންޓު ހޯދައިގެން

ސައުދީ ޕްރޯ ލީގުގައި އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ހިލާލް ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ހިލާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. މި މެޗުގައި ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް، އެ ކުލަބަށް ބަދަލުވި ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. އެ ކުލަބަށް ބަދަލުވި ފަހުން ވެސް އަނިޔާ އިން މުޅިން އެއްކޮށް ރަނގަޅު ނުވާތީ ނޭމާ އަށް ފުރަތަމަ 11 އިން ޖާގަ އެއް ނުލިބެ އެވެ. ނަމަވެސް އޭނާގެ އަނިޔާ މުޅިން ރަނގަޅުވެފައިވާތީ، އަލް ޝަބާބާ ދެކޮޅަށް ނޭމާ ވަނީ ފަށައިފަ އެވެ.

މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ވެސް ނޭމާ އަށް ވަނީ ލިބިފަ އެވެ. އަލް ހިލާލަށް ލިބުނު ޕެނަލްޓީއެއް ނޭމާ ފޮނުވާލި ނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވި އެވެ. މެޗުގައި އަލް ހިލާލުން ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޚަލީދޫ ކުލިބާލޭ އެވެ. އޭގެ ފަހުން 76 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ސާބިއާގެ އެލެކްސެންޑާ މިޓްރޮވިޗް އެވެ. އަލް ހިލާލަށް ބަދަލުވި ފަހުން އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މޮޅާއެކު އަލް ހިލާލް އެއް ވަނަ އަށް ޖެހިލީ މިހާތަނަށް ކުޅުނު އަށް މެޗުން 20 ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމު ވަނީ ހަ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެފަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް