ރާއްޖޭގެ ސީމަނުންނަށް ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމަންޓް ގޮތުގައި ޕާސްޕޯޓު ކާޑުގެ ހާއްސަ ކާޑެއް ދޫކުރުމަށް ނިންމައިފިއެވެ.
މިއީ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންގެ 2016 ވަނަ އިސްލާހުގައި ފާހަގަކޮށްފައިވާ ICAO DOC 9303 ގައި ކަނޑައަޅުއްވާފައިވާ މިންތަކުގެ މައްޗަށް ބިނާކޮށް ހަދަންޖެހޭ ސީފެއަރަރޒް އައިޑެންޓިޓީ ޑޮކިއުމަންޓަށް ބޭނުންވާ ޙާއްސަ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކުރާ ކާޑެކެވެ. އެގޮތުން މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސީމަނުންނަށް ސީފެއަރަރޒް އައިޑެންޓިޓީ ޑޮކިއުމަންޓް ގޮތުގައި ޕާސްޕޯޓު ކާޑުގެ ހާއްސަ ކާޑެއް ދޫކުރަން ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ)، ބުރާސްފަތި ދުވަހު ފާހަގަކުރި 'ވޯލްޑް މަރިޓައިމް ޑޭ' އާ ގުޅިގެން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ސީމަނުންނަށް ރަނގަޅު އައިޑެންޓިޓީ ޑޮކިއުމަންޓެއް ނެތުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ސީފެއަރަރޒް އައިޑެންޓިޓީ ޑޮކިއުމަންޓާއެކު އެ ހުރިހާކަމަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީފެއަރަރޒް އައިޑެންޓިޓީ ޑޮކިއުމަންޓް އިމިގްރޭޝަނުން ދޫކުރާނީ މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތް ސީމަންނުންނަށެވެ. މި ކާޑަށް އެދި ހުށަހެޅޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މެދުވެރިކޮށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ކާޑަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނު ނަމަވެސް ކާޑު ނިމުމުން، ދޫކުރާނީ މޯލްޑިވްސް އިމިގްރޭޝަންގެ ވެލާނާގޭ 1 ވަނަ ފަންގިފިލާގައި ހުންނަ ޕާސްޕޯޓް ސެކްޝަނުންނެވެ. އެގޮތުން، ކާޑާއި ހަވާލުވުމަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް 'ކިއުބީ' މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މަޤްސަދަކީ ރާއްޖޭގެ ސީމަނުންނަށް ރަނގަޅު އައިޑެންޓިޓީ ޑޮކިއުމަންޓަށް ނެތުމުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލެއް ގެނެސްދީ ބައިނަލްއަޤްވާމީ ގޮތުން ފެންވަރު ރަނގަޅު އައިޑެންޓިޓީ ޑޮކިއުމަންޓެއް އެފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ.