ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 18:54
އާ ރައީސް ހުވާ ކުރައްވާނީ ޖުލައިމަހުގެ 25 ވަނަ ދުވަހު
އާ ރައީސް ހުވާ ކުރައްވާނީ ޖުލައިމަހުގެ 25 ވަނަ ދުވަހު
އޭއެފްޕީ
އިންޑިއާގެ ރިޔާސީ އިންތިޚާބު
އިންޑިއާގެ 14 ވަނަ ރައީސް ކަމަށް ރާމް ނާތު ކޯވިންދް
އިލެކްޓޯރަލް ވޯޓުގެ 65.65 އިންސައްތައް ހޯއްދެވި
އިދިކޮޅު ކެނޑިޑޭޓް، މީރާ ކުމާރަށް ލިބިވަޑައިގަތީ 34.35 އިންސައްތަ
ކޯވިންދަށްވަނީ ގާނޫނު ހަދާ މަޖިލީހުގެ 522 މެމްބަރުންގެ ވޯޓް ލިބިވަޑައިގެންފަ

އިންޑިއާގެ ރިޔާސީ އިންތިޚާބުގައި އިލެކްޓޯރަލް ވޯޓުގެ 65.65 އިންސައްތައް ހޯއްދަވައިގެން އެ ގައުމުގެ 14 ވަނަ ރައީސްގެ މަގާމު ނޭޝަނަލް ޑެމޮކްރެޓިކް އެލަޔަންސްގެ ފަރާތުން ވަދަކުރެއްވި ރާމް ނާތު ކޯވިންދް ކަމިޔާބު ކުރައްވައިފިއެވެ.

 

އެމެނިކުފާނާ ވާދަކުރެއްވި އިދިކޮޅު ކެނޑިޑޭޓް، މީރާ ކުމާރު އުޅުއްވަނީ 34.35 އިންސައްތަ ވޯޓާއެކު މާބޮޑަށްވެސް ރޭހުގެ ފަހަތުގައެވެ.

 

ކޯވިންދް ވަނީ 2930 ވޯޓް ހޯއްދަވަފައެވެ. އިންޑިއާގެ އިލެކްޓޯރަލް ސިސްޓަމް އޮންނަ ގޮތުން އެއީ 7،02،044 ވޯޓުގެ ގޮތުގައި ބަލާނެއެވެ. މީރާ ކުމާރަށް ލިބިވަޑައިގެންފައިވަނީ 1،844 ވޯޓެވެ. އެއީ 3،67،314 ވޯޓާ އެއްވަރުގެ ވޯޓެވެ.

 

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ކޯވިންދަށް މަރުހަބާ ވިދާޅުވެ ތައުރީފް ކުރައްވާފައެވެ.

 

"ޝްރީ ރާމް ނާތް ކޯވިންދު ޖީ އަށް މެމްބަރުންގެ މެދުގައާއި އެކި ސްޓޭޓްތަކުން އޮތް ބޮޑު ތާއީދު ފެނި އުފާވެއްޖެ"  ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. މީގެ އިތުރުން މޯދީވަނީ ދެ ބޭފުޅުންގެ މެދުގައި އޮތް ޒަމާންވީ ގުޅުމާ ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

 

ބޮޑުވަޒީރު މޯދީ ވަނީ ޑިމޮކްރެޓިކް ހަމަތައް ދައްކުވައިދެއްވީތީ އިދިކޮޅު ކެނޑިޑޭޓް މީރާ ކުމާރަށްވެސް މަރުހަބާ ވިދާޅުވެފައެވެ.

 

ކޯވިންދަށްވަނީ ގާނޫނު ހަދާ މަޖިލީހުގެ 522 މެމްބަރުންގެ ވޯޓް ލިބިވަޑައިގެންފައެވެ. އިންތިޚާބު ކުރެވިފައިވާ 771 މެމްބަރުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާއިރު މިރާ ކުމާރަށް ވޯޓް ދެއްވާފައިވަނީ 225 މެމްބަރުންނެވެ.

 

ގާނޫނުހަދާ މަޖިލީހުގެ 99 އިންސައްތަ މެމްބަރުން ވޯޓް ދެއްވާފައިވާއިރު މިއީ އެގައުމުގައި މިހާތަނަށް އެންމެ ގިނަ މެމްބަރުން ވޯޓްލެއްވި ފަހަރެވެ.

 

އާ ރައީސް އަކީ ކޮން ބޭފުޅެއް؟

 

އުމުރުފުޅުން 71 އަހަރުފުޅުގެ ރާމް ނާތު ކޯވިންދަކީ 2015 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ބިހާރު ސްޓޭޓްގެ ގަވަރނަރއެވެ. ޗަތްރަޕަތީ ޝާހު ޖީ މަހަރާޖީ ޔުނިވާސިޓީއިން ތައުލީމް ހާސިލްކުރައްވާފައިވާ ކޯވިންދްވަނީ 1994 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ރަޖްޔަ ސަބާގެ މެމްބަރުކަން ކުރައްވާފައެވެ. އެ މަނިކުފާނުވަނީ ކޮމާސް އެންޑް އެލްބީ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

 

އޮކްޓޯބަރު 1 1945 ގައި އުފަންވެ ވަޑައިގެންނެވި ކޯވިންދުގެ ބައްޕާ ފުޅަކީ ބައްޕާފުޅަކީ އިންޑިއާގެ ދަނޑުވެރިއެކެވެ.

 

ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވުމަށްފަހު ކޯވިންދު ވަނީ ސިވިލް ސާވިސް އިމްތިހާނުގައި ބައިވެރިވެ ވަޑައިގަތުމަށް ދިއްލީއަށް ވަޑައިގެންފައެވެ. ތިން ފަހަރެއްގެ މަތިން ބައިވެރިވެގެން އެ އިމްތިހާނުން ފާސްވި ނަމަވެސް އެ މަނިކުފާނު ސިވިލް ސާވިސްއާ ގުޅިވަޑައިގެންފައެއް ނުވެއެވެ. އެއަށްފަހު ގާނޫނީ ދާއިރާގެ މަސައްކަތަކަށް ހޮވިވަޑައިގެން އެ ދާއިރާ ޕްރެކްޓިސް ކުރައްވަން ފެއްޓެވިއެވެ.

 

ސިޔާސީ ދާއިރާއަށް ވެދެވަޑައިގެން 1991 ވަނަ އަހަރު ބީޖޭޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ އިސް ބައެއް މަގާމުތައްވެސް އެ މަނިކުފާނު ފުރުއްވިއެވެ.  މި އަހަރުގެ އިންތިޚާބަށް ނުކުންނެވުމާއެކުވެސް ގިނަ ބަޔަކު ގަބޫލުކޮށްގެންތިބީ 60 އިންސައްތައަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން ކޯވިންދު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

 

 


 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް