މިއަދާއި މާދަމާ ސަރުކާރު ބަންދުވިޔަސް އައިޑީ ކާޑު ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ.
އެ އިދާރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ދެ ދުވަހު ދޫކުރާނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބޭނުންވާ 18 އަހަރުން މަތީގެ ފަރާތްތަކުގެ އައިޑީކާޑުތައް ކަމަށެވެ. މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކާއި 18 އަހަރު ފުރުމާ ގުޅިގެން އައު ކުރަން ބޭނުންވާ އައިޑީކާޑުތައް ހެއްދުމަށް މި މަހުގެ 21 ގެ ކުރިން ފޯމު ހުށަހެޅުމަށް ޑީއެންއާރުން މީގެ ކުރިން އެދުނެވެ.
ޑީއެންއާރުން ބުނެފައިވާ ގޮތުގައި މި ދެ ދުވަހު އައިޑީކާޑުތައް ދޫކުރާނީ ހެނދުނު 10:00 ން ހަވީރު 4:00 އާ ހަމައަށެވެ.
މިއަދަކީ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކީރިތި ރަސޫލާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އީދުމީލާދީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ބުރާސްފަތި ދުވަސް ބަންދުކޮށްފައި ވަނީ އެ ދުވަހާ ގުޅުވައިގެންނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރޭގައި އަލަށް ވޯޓުލެވޭ 409 މީހުން ހިމެނެއެވެ.