ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 18:00
ރިސޯޓެއްގެ ޕޫލެއްގައި މީހަކު ފްލޯޓިންގ ބްރެކްފާސްޓާއެކު
ރިސޯޓެއްގެ ޕޫލެއްގައި މީހަކު ފްލޯޓިންގ ބްރެކްފާސްޓާއެކު
މަރކިޔޯ މޯލްޑިވްސް ކޫއްޑޫ
ފަތުރުވެރިކަން
ދުނިޔޭގެ ޓްރެވަލް ބަކެޓް ލިސްޓުގެ ކުރީގައި ރާއްޖެ!
 
219 ގައުމުގެ ތެރެއިން 121 ގައުމުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ދަތުރުކުރަން ބޭނުންވާ ތަން، ނުވަތަ ޓްރެވަލް ބަކެޓް ލިސްޓް އެކްސްޕީރިއެންސްގެ ކުރިއަށް އަނެއްކާވެސް ރާއްޖެ އަރައިފިއެވެ.

ކޮވިޑުގެ ފަހުން ރާއްޖޭގެ މަގުބޫލުކަން އެކި ގައުމުތަކުގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން، މިއަހަރު ދުނިޔޭގެ އެކި ގައުމުތަކުގެ ޑާޓާއަށް ބަލައި، އެންމ ގިނަ ގައުމުތަކުގެ ރައްޔިތުންގެ ބަކެޓް ލިސްޓުގެ ކުރި ރާއްޖެއިން ވަނީ ހޯދާފައެވެ.

ގޫގުލްގެ ސަރޗް ޑާޓާއަށް ބިނާކޮށް މިހާރު ވަނީ "ވޯލްޑް ޓްރެވަލް ބަކެޓް ލިސްޓް" މެޕެއް ހަދާފައެވެ. މި މެޕުގައި ފެންނަނީ ކޮންމެ ގައުމެއްގައި ވެސް އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ސަރޗް ކޮށްފައިވާ މަންޒިލްތަކެވެ. މި ބަކެޓް ލިސްޓުގައި ގައުމުތަކުގެ އިތުރުން ގައުމުތަކުގެ ވަކިވަކި ތަންތަންވެސް ހިމެނެއެވެ. މި މެޕު ތައްޔާރުކޮށްފައިވަނީ 219 ގައުމެއްގެ، 12 މަސްދުވަހުގެ ޑޭޓާ ބޭނުންކޮށްގެންނެވެ.

ޓްރެވަލް ފާމެއް ކަމަށްވާ ކޯނީން އެކުލަވާލައިފައިވާ ލިސްޓުން ދައްކާގޮތުގައި، މި މެޕުގައި ހިމެނޭ 219 ގައުމުގެ ތެރެއިން 121 ގައުމުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާއި ނޯވޭ ހިމެނެއެވެ. މި ލިސްޓާ ގުޅޭގޮތުން އެ ފާމުން ބުނީ، ރާއްޖެއަކީ ރީތި ދޮންވެލި ގޮނޑުދޮށްތަކާއި ރީތި މޫދެއް އޮންނަ ގައުމަކަށްވާއިރު ރާއްޖެއަށް އަންނަން ބޭނުންވާ މީހުން ގިނަވުމަކީ ގަބޫލުކުރެވޭ ކަމެއް ކަމަށެވެ. އަދި އެއީ ބައެއް މީހުން، ހަޔާތުގައި އެއްފަހަރު ކުރަން ބޭނުންވާނެ ތަޖުރިބާއެއް ކަންވެސް އެ ފާމުން ވަނީ ބުނެފައެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު ދާން ބޭނުންވަނީ ނަޔަގްރާ ފޯލްސްއަށެވެ. އަދި ތިންވަނައަށް އެންމެ ގިނަ ބަޔަކު ދާން ބޭނުންވަނީ ދުނިޔޭގެ އެންމެ މަގުބޫލު ކުރެހުން ކަމަށްވާ މޮނަ ލިޒާ ބަލާލުމަށެވެ.

ވޯލްޑް ޓްރެވަލް ބަކެޓް ލިސްޓުގެ މެޕު - ކޯނި

ދުނިޔޭގެ 219 ގައުމުގެ އިތުރުން ޔޫރަޕާއި އޭޝިއާ އަދި އެފްރިކާގެ ގައުމުގެތަކުގެ އެންމެ މަގުބޫލު ބަކެޓް ލިސްޓް އެކްސްޕީރިއަންސް ވެސް ކޯނީ ފާމުން ވަނީ އާންމުކޮށްފައެވެ. މި ތިން ބައްރުގެވެސް އެންމެ މަގުބޫލު މަންޒިލަކަށް ވެފައިވަނީ ރާއްޖެއެވެ.

ރާއްޖެއިން ހޯދި މި ކާމިޔާބީއާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ޖެހިޖެހިގެން ތިން އަހަރު ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ހޯދާފައިވާ ރާއްޖެއަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންގެ ބުރަ މަސައްކަތް ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް 1،335،412 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.9 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 155،068 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު އިންޑިއާއިން 146،404 ފަތުރުވެރިން، އަދި ޗައިނާއިން 138،229 ފަތުރުވެރިން ވަނީ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއަހަރު ނިމޭއިރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން މިހާރު ލަފާކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް