ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 14:37
އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާއީލް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާއީލް ހަބީބު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2023
އިންތިހާބުގެ ފުރަތަމަ ބުރުގައި މާލޭގައި މަސައްކަތް ކުރި އޮފިޝަލުންނަށް މި ހަފްތާގައި ފައިސާ ޖަމާވާނެ - ހަބީބު
އަތޮޅުތަކުގެ އޮފިޝަލުންނަށް ވެސް ވަރަށް އަވަހަށް ފައިސާ ޖަމާވާނެ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މާލޭގައި މަސައްކަތް ކުރި އޮފިޝަލުންނަށް މި ހަފްތާގައި ފައިސާ ޖަމާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބްރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެ ކަމަށެވެ. އަދި އަތޮޅުތަކުގެ ބައިގެ މަސައްކަތް ވެސް ބާރަށް ކުރިޔަށްދާ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އޮފިޝަލުންނަށް ފައިސާ ދިނުން ލަސްވަނީ އެކަމާއި ގުޅިގެން ނިންމަންޖެހޭ ބައިވަރު މަސައްކަތްތައް ހުރުމުން ކަމަށެވެ. އެގޮތުން ފައިސާ ދިނުމުގެ ކުރިން ހާޒިރީއާއި އިގްރާރުގައި ސޮއިކޮށްފައިވޭތޯ ބަލަންޖެހޭ ކަމަށާއި، ޓްރެއިނިންގެ ކަންތައްވެސް ޗެކްކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި މަސައްކަތް ކުރި އޮފިޝަލުންގެ ކަންކަން ވެސް އެފަދައިން ބަލަންޖެހޭ ކަމަށާއި، އިދާރީ ހުރިހާ ކަމެއް ފުރިހަމަކޮށް ބަޖެޓަށް ފޮނުވައިގެން ފައިސާ ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. ހަބީބު ވިދާޅުވީ ބަޖެޓަށް ފައިސާ ދިނުމަށް ފޮނުވާއިރު، ހުރިހާ ލިޔެކިޔުމެއް ފުރިހަމަވެފައި ހުރުން މުހިންމު ކަމަށާއި، މި ކަންކަމަކީ އޮޑިޓްކުރާއިރު ބަލާނެ ކަންކަން ކަމަށެވެ. ހަބީބު ވިދާޅުވީ އަތޮޅުތެރޭގައި މަސައްކަތް ކުރި އޮފިޝަލުންނަވެސް ވަރަށް އަވަހަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފަސްހާހާއި ގާތްކުރާ އަދަދަކަށް އޮފިޝަލުން ހަރަކާތްތެރިވިއެވެ. އަދި ދެވަނަ ބުރުގައި 12 ފޮށި އިތުރުވާތީ އިތުރު 100 އޮފިޝަލުންނާއި، އަދި ވޯޓުލާ މީހުންގެ އަދަދަށް ބަލައި ދެ ސެޓްއަޕަކަށް ބަދަލުކުރި ވޯޓު ފޮއްޓާއެކު 350 އޮފިޝަލުން އިތުރުވެއެވެ.

އީސީގެ އިއުލާންގައިވާ ގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1200 ރުފިޔާ ލިބޭނެއެވެ. ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1000 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ލިބޭނެއެވެ. މި ފައިސާ ލިބޭނީ ހަމައެކަނި ވޯޓުލާ ދުވަހުއެވެ. މީގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ.

- ކޮމެންޓް