ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 07:06
 ކާފިއު އިއުލާނު ކޮށްފައިވަނީ ދީރް އަޒް-ޒޫރު ސަރަހައްދުގައި ހުންނަ އަވަށްތަކުގައި
ކާފިއު އިއުލާނު ކޮށްފައިވަނީ ދީރް އަޒް-ޒޫރު ސަރަހައްދުގައި ހުންނަ އަވަށްތަކުގައި
ގެޓީ އިމޭޖަސް
ސޫރިއާގެ ހަނގުރާމަ
ސޫރިޔާގެ އިރުމަތީ ސަރަޙައްދުގައި ހިނގި ކުރިމަތިލުންތަކަކާއި ގުޅިގެން އެސަރަޙައްދުގައި ކާފިއު އިއުލާނުކޮށްފި
އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާގެ އެތައް ސަތޭކަ ސިފައިންނެއް 2015 ވަނަ އަހަރުން ފެށިގެން ވަނީ އެތަނަށް ގޮސްފައި

ސޫރިޔާގެ އިރުމަތީ ސަރަޙައްދުގައި މިދިޔަ ހޯމަ ދުވަހު އަނެއްކާވެސް ކުރިމަތިލުންތަކެއް ހިނގުމާ ގުޅިގެން އެމެރިކާ އަށް ތާއީދުކުރާ ކުރުދީންގެ ފައުޖުތަކުން އެ ސަރަޙައްދުގައި ކާފިއު އިއުލާނުކޮށްފައިވާ ކަމަށް ސޫރިޔާގެ މީޑިއާތަކާއި އެކްޓިވިސްޓުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)އިން މި ފިޔަވަޅު އެޅީ އެމެރިކާ މީހުން ދިރިއުޅޭ އިރާގު ބޯޑަރު ކައިރީގައި އޮންނަ ދިބާން އަވަށުގެ އިތުރުން ދީރް އަޒް ޒޫރު ޕްރޮވިންސްގެ ބައެއް އަވަށްތަކުގަ އެވެ.

ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާގެ އެތައް ސަތޭކަ ސިފައިންނެއް 2015 ވަނަ އަހަރުން ފެށިގެން ވަނީ އެތަނަށް ގޮސްފަ އެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ މި ޕްރޮވިންސަކީ ސީރިއާގެ އެންމެ ބޮޑު ތެޔޮ ފީލްޑްތައް ހުންނަ ޕްރޮވިންސެކެވެ.

ހިޒްބުاللهއާ ގުޅުން ހުރި ސްޓޭޝަނެއް ކަމަށްވާ އަލް މަޔާދީން ބުނީ މިދިޔަ ހޯމަ ދުވަހު އަރަބި ލަޝްކަރުން ދީބާންގެ ބައެއް ސަރަހައްދުތައް ހިފުމުން ކުރުދީން އިސްވެ ހަރަކާތްތެރިވާ ސިފައިންގެ ބައެއް ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. އިނގިރޭސިވިލާތުގެ ހަނގުރާމައިގެ މޮނިޓަރ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނީ އަރަބި ހަނގުރާމަވެރިންގެ ތެރެއިން ބައެއް ހަނގުރާމަވެރިން ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ހުރަސްކޮށްފައިވާ ކަމަށެވެ.

އެ ޕްރޮވިންސްގެ ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަނުޖެހުންތައް ވަރުގަދަވުމާ އެކު ކުރުދީ ހަނގުރާމަވެރިންތަކެއް ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެ އެވެ.

ކުރުދީން އިސްނަގައިގެން ހަރަކާތްތެރިވާ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި ސޫރިޔާ ގެ ސަރުކާރުން ހަމަނުޖެހުންތަކަށް ހިތްވަރު ދެނީ ވާދަވެރި އަރަބި ލަޝްކަރުތަކަށް ޔޫފްރެޓިސް ކޯރު ހުރަސްކުރުމުގެ ފުރުސަތު ދީގެންނެވެ. މި ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށުނީ އޮގަސްޓް މަހުގެ ފަހުކޮޅު ގައި ކުރުދީ ހަނގުރާމަވެރިންގެ 25 މީހުންނާއި އަރަބި ޓްރައިބަލް ޖަމާއަތްތަކުގެ 29 މީހުންނާއި ހަތިޔާރު އެޅި މީހުންގެ އިތުރުން އާންމުންގެ ނުވަ މީހަކު މަރުވުމުން ކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް އިން ބުނެ އެވެ.

ސޫރިއާގައި ތިބި ތުރުކީ ސިފައިންނާއި، ސޫރިއާގެ ހުޅަނގު އުތުރުގައި ތުރުކީއަށް ތާއީދުކުރާ އިދިކޮޅު ޖަމާއަތްތަކުން އާންމުގޮތެއްގައި ހަނގުރާމަ ކުރަނީ ކުރުދީން އިސްވެ ހަރަކާތްތެރިވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްއާ ދެކޮޅަށެވެ.

- ކޮމެންޓް