ޕީޕީއެމުން ވަކިކޮށްފައިވާ ހަތަރު މެންބަރުން ގޮނޑި ގެއްލުނު ކަމަށް ބުނެ މަސީހުގެ އިތުބާރުގެ މައްސަލަ ބޭރުކޮށްލާފައި ވަނީ އެމެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިނަމަވެސް އެ މެމްބަރުން ސޮއިކުރެއްވީ މެމްބަރުކަމުގައި ތިއްބަވައިގެންކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.
E 4 menbarun soi kurevvee menbarukamugai thibbavaigen. Veemaa e liyumun e 4 soi univefaivaa kamah beleyne evves hamaeh noannaane.
— Maumoon Abdul Gayoom (@maumoonagayoom) July 20, 2017
ރައީސް މައުމޫން ވިދާޅުވީ އެ ހަތަރު މެމްބަރުން ސޮއިކުރެއްވީ މެމްބަރުކަމުގައި ތިއްބަވައިގެންކަމަށާއި ލިޔުމުން ހަތަރު މެމްބަރުންގެ ސޮއި އުނިވެފައިވާކަމަށް ބެލޭނެ އެއްވެސް ހަމައެއް ނޯންނާނެކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފައިވަނީ އިސްދޫ ދާއިރާގެ މެންބަރުގެ ސޮއި ގެންދަވާ، އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ 45 މެންބަރުންގެ ތެރެއިން އިތުރު ހަތަރު މެންބަރުން މެންބަރު ކަމުގެ މަޤާމު ގެއްލިފައިވާތީ، މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެންބަރުންގެ އަދަދު އުނިވެފައިވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސޮއި ކުރައްވާފައިވާ ސިޓީއެއްގައިވަނީ 45 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފަހުން ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައިވާގޮތުގެ މައްޗަށް ރިޔާއަތް ކުރާއިރު މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގޮޑިއާ އެކު 4 މެންބަރުންގެ ގޮޑި މިމަހުގެ 18 ވަނަ ދުވަހު ހުސްވެފައިވާކަން ޔަގީންވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ނިންމައި އިލެކްޝަން ކޮމިޝަނުން އެ ދާއިރާތަކުގެ ބައި-އިލެކްޝަން އިޢުލާނު ކުރުމުން، ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު ބޭފުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށްވަނީ ބުރާސްފަތި ދުވަހު ހުށަހަޅާފައެވެ.