ވިލާކޮލެޖުން މިއަހަރު މުޅިންއާ ކޯސްތަކެއް ތައާރުފުކޮށްފިއެވެ.
މިކޯސްތައް ތައާރުފުކޮށްފައިވާނީ ބުދަ ދުވަހު ވިލާކޮލެޖް ހޯލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވިލާކޮލެޖްގެ ފަރާތުން ތައާރުފުކޮށްފައިވަނީ ސެޓްފިކެޓް ލެވެލް 3 ކަސްޓަމަރ ކެއަރ ކޯހާއި، އެޑްވާންސް ސެޓްފިކެޓް ޓުއަރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސް ކޯހާއި، ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް އިން ބެޗްލާރޒް ޑިގްރީ ކޯހާއި އަދި އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓުން މާސްޓާޒް ޑިގްރީ ކޯހެވެ.
މިކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ސެޕްޓެމްބަރ މަހުގެ އިންޓޭކްގައެވެ.
ސެޓްފިކެޓް ލެވެލް 3 ގެ ކަސްޓަމަރ ކެއަރ ކޯހަކީ ކަސްޓަމަރުންނާއި މުއާމަލާތްކުރާނެ ގޮތްތަކާއި ކަސްޓަމަރުންނާއި މުވައްޒަފާއި ރަގަޅު ގުޅުމެއް ބިނާކުރާނެ ގޮތްތައް ކިޔަވައިދޭނެ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ 4 މަސްދުވަހެވެ. އަދި ކޯސްފީއަކީ ކޮންމެ މަހަކު 1900 ރުފިޔާއެވެ.
އެޑްވާންސް ސެޓްފިކެޓް އިން ޓުއަރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސް ކޯހަކީ ހޮސްޕިޓަލިޓީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޯހެކެވެ. މިކޯސް ކާމިޔާބުކަމާއެކީ ފުރިހަމަކުރާ ފަރާތްތަކަށް ޓުއަރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓްގެ ފަސްޓް ޑިގްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެއެވެ. މިކޯހުގެ މުއްދަތަކީ 9 މަސްދުވަހެވެ. އަދި ކޯސްފީއަކީ ކޮންމެ މަހަކު 2500 ރުފިޔާއެވެ.
ބެޗްލާރޒް ޑިގްރީ އިން ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނަމިކްސް އަކީ އިޤްތިސާދީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޯހެކެވެ. މިކޯހުގެ މުއްދަތަކީ 3 އަހަރެވެ. އަދި ކޯސްފީއަކީ ކޮންމެ ސެމިސްޓަރއަކަށް 3950 ރުފިޔާއެވެ. ކޯހުގައި އޮންނަނީ ޖުމްލަ ހަ ސެމިސްޓަރއެވެ.
މާސްޓަރޒް ޑިގްރީ އިން އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް ކޯހަކީ އެކައުންޓިން އާއި ފައިނޭސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޯހެކެވެ. މިކޯހުގެ މުއްދަތަކީ އެއް އަހަރެވެ. އަދި ކޯސްފީއަކީ ކޮންމެ މަހަކަށް 7000 ރުފިޔާއެވެ.
ކޯހުގެމަހުފީ ގެ އިތުރުން ފުރަތަމަ މަހު ރަޖިސްޓްރޭޝަން ފީއަށް 145 ރުފިޔާ ދައްކަންޖެހޭނެކަމަށް ވިލާކޮލެޖުންވަނީ ބުނެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވިލާ ކޮލެޖްގެ ރެކްޓަރ ޑޮކްޓަރ އަޙްމަދު އަންވަރު އާއި ވައިސް ރެކްޓަރ ޑޮކްޓަރ އަލީ ނަޖީބު އަދި ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓުގެ ޑީން ޑޮކްޓަރ އަޙްމަދު ޝާހިދުވަނީ ބައިވެރިވެފައެވެ.