ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށް އުފުލާފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޙުކުމް ކުރުމެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ގާޒީ އަލީ އާދަމްއެވެ.
ގާޒީ އަލީ އާދަމް ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާ އަބްދުﷲ އަލީމަނިކުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ޙުކުމް ކުރައްވާފައެވެ
ގާޒީ ވިދާޅުވީ، 2019ގެ ފަހުކޮޅުން ފެށިގެން އައިސިސްގެ ފިކުރު ފެތުރުމަށް އަބްދުﷲ އަލީ މަނިކު އުޅެފައިވާ ކަމަށާއި، ޖަލުގައިވެސް މި ފިކުރަށް މީހުން ރެކްރޫޓު ކުރުމުގައި އޭނާ ހަރަކާތްތެރިވެފައި ވާކަމަށް ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ.
ސިއްރު ހެކިންގެ ބަޔާނާ ހަވާލާދީ ގާޒީ ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުންގެ ތެރޭގައި އޭނާ ފާހަގަވެފައިވަނީ "އަބޫ ސުހާ"ގެ ނަމުން ކަމަށެވެ.
އެހެންނަމަވެސް، ހުށައެޅިފައިވާ ހެކި ޤަރީނާތަކަށް ބަލާއިރު، ތަސްލީމްގެ މައްޗަށް އުފުލާފައިވާ ދައުވާ އެ މިންގަނޑަށް ސާބިތު ނުވާކަމަށްވެސް ގާޒީ ވަނީ ޙުކުމް ކުރައްވާފައެވެ.
އެއަށްފަހު ވަނީ އަދަބާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ދައުލަތުން ވަނީ މި ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވަނީ 3 އަހަރާއި 5 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއްކަން ފާހަަގަ ކުރައްވައި، އަލީމަނިކުގެ މައްޗަށް 5 އަހަރުގެ ޖަލު ޙުކުމެއް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.
މި މައްސަލައިގައި އަބްދުﷲ އަލީމަނިކު 2 އަހަރާއި 2 މަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު ޙުކުމުން އުނިކުރުމަށްވެސް ދައުލަތުން އެދުނެވެ.
އެއަށްފަހު ދިފާއުން ވަނީ އަދަބާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އަބްދުﷲ އަލީމަނިކު ހިމަންދޫގެ ހަރުކަށިފިކުރު މައްސަލައިގައި ޖަލުގައި ހުއްޓައި ރައީސްގެ މާފެއްގެ ދަށުން ދޫކޮށްލި ފަހުން އެފަދަ މައްސަލައެއްގައި ހައްޔަރުވެސް ކޮށްފައިނުވާކަމަށާއި، މި މައްސަލައަކީ މެއި 6 ޙަމަލާއާ ގުޅޭ މައްސަލަކަމުގައިވިޔަސް، މެއި 6 ޙަމަލާއާ ގުޅޭ ދައުވާއެއްވެސް އޭނާގެ މައްޗަށް ކޮށްފައިނުވާކަން ދިފާއުން ފާހަގަކޮށްފައިވެއެވެ.
ދިފާއުން އެދުނީ 3 އަހަރުގެ ޖަލު ޙުކުމެއް އިއްވުމަށެވެ. އެ ޙާލަތުގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަންޖެހޭނީ 8 މަހުގެ ޖަލު ޙުކުމެކެވެ.
ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާ 5 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ. ބަންދުގައި ހުރި މުއްދަތު އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 2 އަހަރާއި 10 މަހުގެ ޖަލު ޙުކުމެކެވެ.