މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރު އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށާއި، މިހާރު ވެސް 350 އޮފިޝަލުން ތަމްރީން ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އިތުރު އޮފިޝަލުން ބޭނުންވާ ކަމަށާއި، މިމާހުގެ 29 ގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އޮފިޝަލުންނަށް ވާން ބޭނުންވާ މީހުންނަށް އެފުރުސަތު އެބަ އޮތް ކަމަށް ހަބީބު ވިދާޅުވިއެވެ.
ރިޒާވްގައި ތިބި އޮފިޝަލުންގެ ތެރެއިން 350 އޮފިޝަލުން ނެރިފައިވާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ މިހާރު ރިޒާވް ގައި ތިބި އޮފިޝަލުންގެ އަދަދު މަދުވެފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ އޮފިޝަލުން ލިބެމުންދާ ވަރަކަށް ތަމްރީން ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
އޮފިޝަލުންގެ އަދަދަށް ބަދަލު އައިސްފި. އެއީ މިހާރު ދެ ސެޓަޕަށް 99 މަރުކަޒަށް އަޅުގަނޑުމެން އެބަ ގާއިމްކުރަން. ގާއިމްކުރާއިރު އޮފިޝަލުން އިތުރަށް ބޭނުންވޭ. އަޅުގަނޑުމެންނަށް ވަރަށް ނަސީބު ރަނގަޅަށް ދިމާވީ. ރިޒާވް ޕޫލް ވަރަށް ބޮޑު 350 އިތުރު އޮފިޝަލުން އަޅުގަނޑުމެން އައްޔަންކޮށްފިން މިދެންނެވި ދެ ސެޓަޕްގެ މަރުކަޒުތަކަށް . އައްޔަންކުރުމަށްފަހު އެބޭފުޅުން ތަމްރީން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މީގެ ދެދުވަހެއްގެ ކުރިން ފަށައިފިން. އިރާދަކުރެއްވިއްޔާ މާދަމާ ރޭގެ ނިޔަލަށް ތަމްރީންގެ މަސައްކަތް ނިމޭނެ. މި ދެންނެވި ގޮތަށް 350 އޮފިޝަލުން އަޅުގަނޑުމެންގެ ރިޒާވް ޕޫލުން ނެގީމަ މިހާރު ރިޒާވް ޕޫލް ތަންކޮޅެއް ކުޑަވެފައި އޮތީ.އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބު
މީގެ އިތުރުން ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ހުރިހާ ކަމެއް ވެސް އިންތިޒާމް ކުރެވިފައިވާ ގޮތަށް ރަނގަޅަށް ކުރިއަށްދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ފާހަގަކުރެވުނު މައްސަލަތައް ދެވަނަ ބުރުގެ އިންތިޚާބުގައި ތަކުރާރުނުވާނެ ގޮތަށް އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
އީސީގެ އިއުލާންގައިވާ ގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1200 ރުފިޔާ ލިބޭނެއެވެ. ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1000 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ލިބޭނެއެވެ. މި ފައިސާ ލިބޭނީ ހަމައެކަނި ވޯޓުލާ ދުވަހުއެވެ. މީގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެއެވެ.
އޮފިޝަލަކަށްވުމަށް އޮންލައިންކޮށް އަދި ކޮމިޝަނަށް ހާޒިރުވެގެން އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ.