ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 11:57
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު
ރާއްޖެއެމްވީ
ދެވަނަ ބުރުގެ ވޯޓާސް ލިސްޓް
ދެވަނަ ބުރުގެ ވޯޓާސް ލިސްޓާއި ގުޅިގެން މިހާތަނަށް ލިބުނީ 34 ޝަކުވާ
އެމީހަކު ރަޖިސްޓްރީވެފައި އޮތީ ވޯޓްލާން ރަޖިސްޓްރީ ކުރި ތަނުގައި ތޯ ބެލުން މުހިންމު

ދެވަނަ ބުރުގެ ވޯޓާސް ލިސްޓާއި ގުޅިގެން މިހާތަނަށް ލިބިފައިވަނީ 34 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ފޯމް ހުށަނާޅައި ފޯމް ހުށަހެޅިކަމަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.

ހަބީބު ވިދާޅުވީ އޮންލައިންކޮށް ފޯމް ހުށަހެޅިޔަސް އެކަން އެނގޭނެ ކަމަށާއި މެސެޖްގެ އިތުރަށް އޯޓީޕީ ވެސް ލިބޭނެ ކަމަށެވެ. ހެއްކާއެކު ހުށަހެޅުމުން އެ ޝަކުވާއަކަށް ރިޔާއަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެމީހަކު ރަޖިސްޓްރީވެފައި އޮތީ ވޯޓްލާން ރަޖިސްޓްރީ ކުރި ތަނުގައި ތޯ ބެލުން މުހިންމު ކަމަށާއި ސުންގަޑި ހަމަވުމަށްފަހު ކޮމިޝަނަށް އިތުރު ވަގުތު ނުދެވޭނެ ކަމަށެވެ.

ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތައް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓްރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 23 ވަނަ ދުވަހުގެ ރޭގަނޑު 09:00 ގެ ނިޔަލަށް ވަނީ ހުޅުވާލަފައެވެ. މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

މާލެ ނޫން ރަށްރަށުގައި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އަދި ސިޓީތަކުގައި، ސީޓީ ކައުންސިލް އިދާރާތަކުންނެވެ. މާލޭގައި ނަމަ، ފޯމު ބަލައިގަންނާނީ އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިންނެވެ.

ރާއްޖެއިން ބޭރުގައި ނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެވިފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުންނެވެ. ދެވަނަ ބުރަށް ރީރަޖިސްޓްރީކުރުމަށް 50,047 ފޯމު ހުށަހަޅާފައިވެއެވެ.

- ކޮމެންޓް