ކޮރަޕްޝަންގެ މައްސަލަ އާއި ގުޅިގެން ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރެފިއެވެ.
ފަނޑިޔާރު ސާޖިއޯ މޮރޯ ވިދާޅުވީ ލޫލާގެ ބޭންކް އެކައުންޓްތަކުގައި ވާ 200،000 ޑޮލަރު ވެސް ހިފަހައްޓާފައިވާ ކަމަށެވެ. މީގެ އިތުރުން ލޫލާގެ ނަމުގައި ހުރި ފްލެޓްތަކާއި ބިންތައް އަދި ކާރުތައް ވެސް ހިފެހެއްޓުމަށްވެސް އަމުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު ސާޖިއޯ މޮރޯ ވިދާޅުވީ ލޫލާގެ ބޭންކް އެކައުންޓްތަކާއި މުދާތަކުގެ އަގު 4.3 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ.
ލުލާގެ މައްޗަށް ކުރެވިފައިވާ ދައުވާތަކަށް އޭނާ އިންކާރު ކުރައްވާއިރު އެއީ ސިޔާސީ ދައުވާތަކެއް ކަމަށް އޭނާ އަންނަނީ ވިދާޅުވަމުންނެވެ. ލޫލާ މިއަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ލޫލާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޮބްރާސް ޚިޔާނާތާ ގުޅުންހުރި ގޮތަކަށް އެ މަނިކުފާނަށް ފްލެޓެއް ލިބިވަޑައިގެންފައިވާކަމެވެ. މިއީ ރައީސް ލޫލާގެ މައްޗަށް ތުހުމަތުކޮށްފައިވާ ފަސް ދައުވާގެ ތެރޭން ފުރަތަމަ މައްސަލަ އެވެ. ރައީސް ލޫލާގެ މުދާތައް ހިފެހެއްޓި މައްސަލަ އިސްތިއުފާން ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނާއިރު އެ މަރުހަލާ ނާކާމިޔާބުވެއްޖެ ނަމަ ހިފެހެއްޓި މުދާތައް ވިއްކާލާނެ އެވެ. އަދި ލިބޭ ފައިސާ ދޭނީ ކޮރަޕްޝަން ހިންގި ކަމަށް ބުނާ ގައުމީ ތެޔޮ ކުންފުންޏަށެވެ.
ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ލޫލާ އަށް ގާނޫނީ ހުރަހެއް ނެތް އިރު ކޯޓުން ވަނީ ލޫލާގެ މައްސަލަ އިސްތިއުނާފް ކުރަން ބޭނުންވާތީ ހުކުމް ތަންފީޒު ކުރުން ފަސްކޮށްފަ އެވެ.
ބްރެޒިލްގައި 2003ން 2010 އަށް ލޫލާ ވެރިކަން ކުރައްވާފައިވާއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ވެރިކަމުގެ ދުވަސްވަރު މަގުބޫލު ބޭފުޅެއްގެ ގޮތުގައެވެ.
ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށްފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތުފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.
ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭތީ ލޫލާގެ ދެވަނަ ދައުރަށްފަހު ކުރިމަތިލެއްވީ އަރިސް ބޭފުޅެއްކަމަށްވާ ޑިލްމާ ރުސެފްއެވެ.