ނޫސްވެރިކަމުގެ ނަމުގައި އިންޑިއާއާ ގުޅުވައި، ހަގީގަތާ ހިލާފަށް ދޮގު ޚަބަރު ފަތުރަމުންދާތީ އެ މައްސަލަ ބަލައިދިނުމަށް އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.
އެ ކޮމިޝަނުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓުންނާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ އެގައުމަށް ނިސްބަތްވާ މީހުންނާ ގުޅުވައިގެން ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ދޮގު ޚަބަރުތައް ފަތުރަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާ އެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ މަގުސަދުގައި ދޮގު ރިޕޯޓްތައް ފަތުރަމުންދާކަން އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެއީ "ފޭކް ރިޕޯޓުތަކެއް" ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ ގައުމާ ދެކޮޅަށް ދޮގު ޚަބަރު ފަތުރަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރު ފޯރުކުރުމުގެ މަގްސަދުގައި ކަމަށެވެ. އަދި، އެ ރިޕޯޓުތަކަކީ ދިވެހި ރައްޔިތުންގެ މެދުގައި އިންޑިއާއާ މެދު ނަފުރަތާއި ބިރުވެރިކަމުގެ މާހައުލެއް އުފައްދަން ތައްޔާރުކޮށްފައިވާ ރިޕޯޓްތަކެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންޑިއާއާ ބެހޭ ގޮތުން ފޭކް ރިޕޯޓްތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އިންޑިއާއިން ގެންގުޅޭ "ނެއިބާހޫޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ ކަމެއް ދީފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ރާއްޖެ އަންނަ އެ ގައުމުގެ މަސައްކަތްތެރިންނާއި ފަތުރުވެރިންނަށް ވެސް ދިވެހިންގެ މެހެމާންދާރީ އާއި ލޯބި ލިބޭ ކަމަށެވެ.