ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 12:16
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)
އައިޔޫއެމް
އައިޔޫއެމްއާއި ގުޅޭގޮތުން ދައްކާ ދޮގު ވާހަކަ
ރައީސް ސާލިހަށް ކެމްޕޭންކޮށްދޭން ދަރިވަރުންގެ ޖަމިއްޔާގެ ކިބައިން އެދިފައި ނުވާނެ: އައި.ޔޫ.އެމް
ހަގީގީ ތެދު ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރަން
ސިޔާސީ ހަރަކާތްތަކާއި ވީހާވެސް ދުރުގައި ތިބުމަށް ތަކުރާރުކޮށް ހަނދާންކޮށްދޭ
ނޫސްވެރިކަމަކީ ޒިންމާދާރުގޮތުގައި ކުރަން ޖެހޭ ކަމެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ކެމްޕޭންކޮށްދޭން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ދަރިވަރުންގެ ޖަމިއްޔާގެ ކިބައިން އެދިފައި ނުވާނެކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

އައިޔޫއެމް އިން މިހެން ބުނެފައިވަނީ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީގައި ހިމެނޭ ދަރިވަރުން ހާޒިރުކުރައްވާ، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ކެމްޕޭންކޮށްދިނުމަށް އެދިވަޑައިގެންކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެންނެވެ. އެ ޔުނިވަރސިޓީން ބުނީ އެ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށެވެ.

އެ ޔުނިވަރސިޓީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ ވައިސް ޗާންސެލަރާއި ސްޓޫޑެންޓް ޑީން ހިމެނޭހެން އައި.ޔޫ.އެމްގެ ދަރިވަރުންގެ ޔޫނިއަންއާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމަކީ، ހުކުރު ދުވަހު އައި.ޔޫ.އެމްގެ ދަރިވަރުންގެ ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ބާއްވާ "އަދަބީ ޤުލްޒާރު" އިވެންޓުގެ އެޖެންޑާއާއި އިވެންޓާ ގުޅޭ ތައްޔާރީތަކާއިމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްކަމަށެވެ.  

އެ ބައްދަލުވުމަށްފަހު، ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފުޓްސަލް މުބާރާތުގައި އައި.ޔޫ.އެމް ތަމްސީލުކުރާ ފިރިހެން ފުޓްސަލް ޓީމަށް ޖަރޒީ ހަވާލުކުރައްވާ އެ ޓީމް މެންބަރުންނަށް ހިތްވަރުދެއްވި ކަމަށާއި މިފަދަ ކުޅިވަރުތަކަށް ދަރިވަރުންގެ ހިތުގައި ކުރިއަށްވުރެން ބޮޑަށް ލޯބިޖެއްސުމަށްޓަކައި ޔުނިވާރސިޓީގެ މެނޭޖްމެންޓް އަދި ޔޫނިއަން ގުޅިގެން ކުރެވޭނެ ކަންކަމާއިމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނުކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއްގެ ގޮތުގައި ތިބެ، ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކާއި، ސިޔާސީ މައިދާނުގައި އަމަލީގޮތުން ހަރަކާތްތެރިވުމަކީ، އެކަޑެމިކް ގޮތުން ދަރިވަރުންނާ އެންމެ އެކަށޭނެ ކަމެއް ނޫންކަމަށާއި، ސިޔަސީ ކެމްޕެއިންކުރުމުގެ ވާދަވެރިކަމެއް އޮތް މި ފަދަ ދުވަސްވަރެއްގައި ސިޔާސީ ހަރަކާތްތަކާއި ވީހާވެސް ދުރުގައި ތިބުމަށް ތަކުރާރުކޮށް ވައިސް ޗާންސެލަރ ހަނދާންކޮށްދެއްވިކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނޫސްވެރިކަމަކީ ޒިންމާދާރުގޮތުގައި ކުރަން ޖެހޭ ކަމެއްކަމުގެ އިތުރުން ހަޤީޤީ ތެދު ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ޔުނިވަރސިޓީއިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް