ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯއްދަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުކަމަށް، ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތާރިގު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހުގެ ކެމްޕޭން ހަރަކާތާ ގުޅިގެން ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރު ވަނީ، ބުރާސްފަތި ދުވަހު ސޯޝަލް މީޑީއާގައި އާންމުވި، ދިވެހިރާއްޖޭގައި ހިންދޫ ދީނުގެ އަޅުކަންކުރާ ވީޑީއޯތަކެއްކަމަށްބުނެ ދައުރުކުރަމުންދާ ވީޑިއޯތަކަށް ރައްދުދެއްވާފައެވެ.
އެގޮތުން މިއީ އިދިކޮޅުން އިންތިޚާބު ގެއްލޭތީ، ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ތާރިގު ވިދާޅުވީ، މިފަދަ ބޮޑެތި ކަންތައްތައް ރައްޔިތުންނަށް އޮޅުވާލަން އުޅޭ އުޅުން އެއްގޮތަކަށްވެސް ބަލައިނުގަނެވޭކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ އިންތިޚާބު ވަގަށްނަގަން ކުރާ ކަންތައްތައްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުން، އެފަދަ އޮޅުވާލުމާއި މަކަރާއި ހީލަތްތެރިކަމަށް ފުރުސަތު ދޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތާރިގު އިތުރަށް ވިދާޅުވީ، މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން އެ ބޭފުޅުން ދައްކަވާ ތެދު ވާހަކަތައްވެސް ގެއްލިގެންދާނެކަމަށެވެ. އެހެންކަމުން، އެއީ ސިޔާސީގޮތުން ވޯޓަށް ބަލާއިރު، އެމްޑީޕީއަށް ލިބޭ ގެއްލުމެއްކަމަށް ގަބޫލު ނުކުރާކަމަށްވެސް ވިދާޅުވިއެވެ.
ވޯޓު ހޯދުމަށްޓަކައި ދީނީ އަގީދާއާ ގުޅޭގޮތުން ސުވާލު އުފައްދައިގެން، އެ ވިސްނުމުގެ ތެރެއިން ވޯޓު ހޯދަންއުޅުމުގެ ނަތީޖާއަކަށް ވެގެންދާނީ އޭގެ އަސަރު އެ ބޭފުޅުންގެ ވޯޓުތަކަށް ކުރުންކަމަށް ތާރިގު ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުގައި ރަށްރަށުގެ ކަންތައްތަކާއި މާލޭގެ ކަންތައްތައް 5 އަހަރު ދުވަހު ތެރޭގައި ރަނގަޅަށް މެނޭޖްކުރައްވާފައި ވާކަމަށާއި، ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފުރިހަމަވަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް 5 އަހަރަށް ރައީސް ސާލިހު ވެވަޑައިގަންނަވާ ވައުދުފުޅުތައްވެސް ފުއްދަވާނެކަމާމެދު ސުވާލު ނުއުފެދޭކަން ތާރިގު ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހަކީ ވައުދުފުޅުތައް ފުއްދަވައި، އަމަލުފުޅުން އެކަންކަން ދައްކަވާ ވެރިއެއްކަން ފާހަގަކުރައްވައި ތާރިގު ވަނީ، ރިޔާސީ ކެމްޕޭންގެ ހަރަކާތްތައް ފެށުނީއްސުރެ ރަށްރަށަށް ވަޑައިގެން އެ ހުޅުއްވައިދެއްވި ބިޔަ މަޝްރޫއުތަކަކީ އޭގެ ހެތްކެއްކަމަށް ވިދާޅުވެފައެވެ.