ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސޮސިއެޑާޑުންނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ސޮސިއެޑާޑަށް ލީޑު ނަގައިދިނީ އެންޑާ ބަރެންޓެސްކާ އެވެ. އެއީ ރެއާލްގެ ގޯލުގައި ހުރި ކެޕާ އަރިއްޒަބަލާގާ އަތުގައި ޖެހި ރީބައުންސަށް ނުކުތް ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ފުރަތަމަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެޑެރިކޯ ވަލްވާޑޭ އެވެ. އޭނާ އެ ލަނޑު ޖެހީ ފްރެންސިސްކޯ ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުން ރެއާލް މޮޅު ކޮށްދިން ލަނޑު ހޮސޭލޫ ޖެހީ 60 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަަސްކޮށްދިނީ ގާސިއާ އެވެ.
މޮޅާއެކު ރެއާލުން ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ހޯދި 15 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 13 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 10 ޕޮއިންޓާއެކު އެތުލެޓިކް ކުލަބް އެވެ.