ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 40،000ށް ވުރެ ގިނަ ފޯމް ރީ-ރަޖިސްޓަރީ ކުރިއިރުވެސް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށާއި، ހަޤީޤަތާއި ޚިލާފު ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީން ބުނީ ރިޔާސީ އިންތިޚާބު 2023ގެ ރީ-ރަޖިސްޓްރޭޝަނަށް ކޮމިޝަނުގެ ފަރާތުން ބޭނުން ކުރަމުންގެންދާ ޕޯޓަލްއަކީ 2022 ގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކުގައި ތަޖުރިބާކޮށް ހުރިހާ ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުބާރާއެކު ބޭނުންކުރަމުން އަންނަ ޕޯޓަލްއެއް ކަމަށެވެ. އަދި އެ ޕޯޓަލްގެ މަސައްކަތަކީ އައިޓީ ސެކިއުރިޓީ ކޮންސަލްޓަންޓެއްގެ ލަފާއާއި އިރުޝާދުގެ މަތިން ބަލަހައްޓަމުން ގެންދާ މުހިންމު މަސައްކަތެއް ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ ޕޯޓަލްގެ އެކްސެސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 40،000ށް ވުރެ ފޯމް ރަޖިސްޓަރީ ކުރި އިރުވެސް އެއްވެސް މައްސަލައެއް ދިމާނުވާކަމަށް އީސީން ބުނެއެވެ. އަދި އީސީން ބުނީ ދެވަނަ ބުރަށް ހުޅުވާލެވުނު 3 ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އިލެކްޝަންސް ކޮމިޝަނުގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް 47،000 ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 19،000 ވުރެ ގިނަ ފޯމް ޕްރޮސެސްކޮށް ނިމިފައިވާއިރު، 27،000 ވުރެ ގިނަ ފޯމް ވަނީ ސައްހަކުރުމުގެ މަރުހަލާގައި ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތައް ވެރިފައިކޮށް ނިމުމުން ރީ-ރަޖިސްޓްރީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށް، ކެންޑިޑޭޓުންނާއި ޕާޓީތަކާއި ހިއްސާކޮށް ޝަކުވާއަށް ދެ ދުވަހުގެ ފުރުސަތަށް ހުޅުވާލެވޭނެ ކަމަށެވެ. ރީ-ރަޖިސްޓްރޭޝަންގެ އޮންލައިން ޕްރޮސެސްއަކީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތެއް ހޯދައިދިނުމަށް ތައާރަފްކޮށް ބޭނުންކުރަމުން ގެންދާ ޕޯޓަލްއެއް ކަމަށް އީސީން ބުނެއެވެ. ނަމަވެސް މި ޕޯޓަލްއާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން ގެންދާތީ އެފަދަ ހަޤީޤަތާއި ޚިލާފު ޚަބަރު ނުފެތުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޯމަތިވެފައިވާ މިދަނޑިވަޅުގައި އިލެކްޝަންސް ކޮޝަމިނާއި ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާއި ދެމެދު އޮތް އިތުބާރު ގެއްލޭ ފަދަ ގޮތްގޮތަށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް ވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.