ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް އެ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ގާސިމް މިގޮތަށް އެދިވަޑައިގެންފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ނިންމާފައެވެ. އެ ޕާޓީން މިގޮތަށް ނިންމާފައިވަނީ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މަޝްވަރާތަކަށްފަހު އެ ޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ދެވަނަ ބުރުގައި ތާއީދު ނުކޮށް ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި 68 މެމްބަރުން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއް ފަހަތަށް ނޭރުމަށް ވޯޓު ދީފައެވެ.
އޭގެ ފަހުން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 16 ސެޕްޓެމްބަރ 2023 ވަނަ ދުވަހު މެންދުރުފަހު ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮންކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ ޢައުލަބިއްޔަތުން މަތިކުރުމުން، ނިންމާފައިވާނީ ވޭތުވެދިޔަ ތަނުގައި ކޯލިޝަން ހަދައިގެން 3 ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާ އަށް ބެލުމަށްފަހު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް އަޅުގަނޑަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމުގައި ދެކޭތީ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކާ އެ ވާހަކަ ދަންނަވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރުމަށް ނިންމާފައިވާ އިރު ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މަޝްވަރާތައް އޭގެ ކުރިން ކުރައްވާފައެވެ. އެގޮތުން، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ރަނިންގ މޭޓު ހުސައިން މުޙައްމަދު ލަތީފު އޭނާއާ މި މަހުގެ 12 ވަނަ ދުވަހު ބައްދަލުކުރައްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މިދިޔަ ބުދަ ދުވަހު އޭނާއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމް ވާދަކުރައްވާފައިވާއިރު އޭނާއަށް ލިބިވަޑައިގެންނެވީ 5460 ވޯޓެވެ. މިއީ އޭނާއަށް މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި ފަހަރެވެ. މީގެ ކުރިން 2008 އަދި 2013 ގައި ވެސް ގާސިމް ވާދަކުރައްވާފައި ވެއެވެ.