ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 10:58
އައިޑީ ކާޑު
އައިޑީ ކާޑު
ސިމާހާ ނަސީމް
އައިޑީކާޑު ހެއްދުން
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މުއްދަތުހަމަވާ އައިޑީކާޑުތައް އައުކުރަން މި މަހުގެ 21 ގެ ކުރިން ހުށަހަޅަން އެދިއްޖެ
 
21 ސެޕްޓެމްބަރުގެ މެންދުރު 2:00 ގެ ކުރިން އައިޑީކާޑު އައު ކުރަން އެދި ހުށަހަޅަން ވަނީ އިލްތިމާސްކޮށްފައި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މުއްދަތު ހަމަވާ އައިޑީކާޑުތައް އައު ކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21ވާ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން އެދިއްޖެއެވެ.

ޑީއެންއާރުން އާދީއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތައްޔާރުވުމުގެ ގޮތުން 30 ސެޕްޓެމްބަރުގެ ނިޔަލަށް މުއްދަތު ހަމަވާ އައިޑީ ކާޑާއި އަލަށް 18 އަހަރު ފުރިގެން ހައްދާ އައިޑީ ކާޑުތައް ހެއްދުމަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ޑީއެންއާރުން މިފަދައިން ބުނެފައިވާއިރު އައިޑީ ކާޑު ހެއްދުމަށް އާއްމުކޮށް ހަފުތާއެއްހާ ދުވަސް ނަގައެވެ. އައިޑީކާޑު ހައްދަން އޮންލައިންކޮށްވެސް މިހާރު ހުށަހެޅޭނެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރެވޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓު ކާޑު އަދި ޑްރައިވިންގ ލައިސަންސެވެ. އެހެންކަމުންމި ލިޔެކިޔުންތަކުގެ ތެރެއިން ވޯޓުލާން ގެންދާ ލިޔެކިޔުމަކީ މުއްދަތު ހަމަނުވާ އެއްޗެއް ކަމުގައި ޔަގީން ކުރުމަށް އީސީން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މުއްދަތު ހަމަވާން ކައިރިވެފައިވާނަމަ ވީހާވެސް އަވަހަށް އައު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމެއްގައި ޑިޖިޓަލް އައިޑީ ކާޑު އަދި އީފާސް ބޭނުން ނުކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

މި މަހުގެ 30ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 408 މީހުން ހިމެނެއެވެ. އަލަށް ވޯޓުލެވޭ މީހުންނާއެކު ޖުމްލަ 282,803 މީހުންނަށް ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް