އިޓާލިއަން ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުން ހޯދި ބޮޑު މޮޅާއެކު، އިންޓަ މިލާން އެއް ވަނަ އަށް ޖެހިލައިފި އެވެ.
އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގައި އިންޓަގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ހެންރިޚް ޚިތަރްޔަން އެވެ. އޭނާ އެ ލަނޑު ޖެހީ ފެޑެރިކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން، 38 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ފުޅާ ކޮށްދިނީ މާކަސް ތުރަމް އެވެ. އެ ލަނޑު ތުރަމް ޖެހީ ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފަށް ނުކުމެ ކުރީ ކޮޅު، ރަފައެލް ލިއާއޯ ވަނީ ލަނޑެއް ޖަހައި މިލާނަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ އޮލީވިއޭ ޖިރޫޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އޭގެ ފަހުން އިންޓަ އިން ވަނީ ތިން ލަނޑު ޖަހައިގެން، މެޗުން ބޮޑު މޮޅެއް ހޯދައިފަ އެވެ. ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންޓަގެ ތިން ވަނަ ލަނޑު ޚިތަރްޔަން ޖެހީ 69 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހަތަރު ވަނަ ލަނޑު ޖެހީ ހަކަން ޗަނޮނޮގްލޫ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އިންޓަގެ ފަސް ވަނަ ލަނޑު ޖެހީ ޑޭވިޑް ފަރަޓެސީ އެވެ.
މޮޅާއެކު އިންޓަ އެއް ވަނަ އަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތީ ލާޒިއޯ އެވެ. އިންޓަ އަތުން ބަލިވި މިލާން އޮތީ، ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ތިން ވަަނައިގަ އެވެ.