އަމިއްލަ ސިޔާސީ ފައިދާއަށް ޝަރުޢީ ނިޒާމް ބޭނުންކުރުމަކީ ޑިމޮކްރޮސީއާއި ދެކޮޅަށް ހިންގޭ ޖަރީމާއެއްކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ބުދަ ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައެވެ.
The manipulation of the justice system for achieving political ends is a crime against democracy. It must stop! #FreeFarisNow!
— Maumoon Abdul Gayoom (@maumoonagayoom) July 19, 2017
ރައީސް މައުމޫން ވިދާޅުވީ އަމިއްލަ ސިޔާސީ ފައިދާއަށް ޝަރުއީ ނިޒާމް ބޭނުންކުރުމަކީ ޑިމޮކްރޮސީއާއި ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށާއި މިކަންތައްތައް ހުއްޓެންވާނެކަމަށެވެ. އަދި އެ އެމަނިކުފާނުވަނީ މި ޓުވީޓްގައި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ޕީޕީއެމްގެ 4 މެންބަރަކު ޕާޓީން ވަކިކުރެއްވި ނަމަވެސް އެ މެންބަރުންގެ މަޖިލިސްގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެކަން ސުޕްރީމް ކޯޓުން އެންމެފަހުން ނެރުނު އަމުރުންވެސް ކަށަވަރުވާކަމަށް ރައީސް މައުމޫން ވިދާޅުވެފައިވީ ނަމަވެސް މި ހަތަރު މެންބަރުންގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، އެ މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްއާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތްގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ދަފްތަރުން އެ ހަތަރު ބޭފުޅުން ވަކިކޮށްދިނުމަށް އެދި އަންގާރަ ދުވަހުގެ އެ ޕާޓީން ހުށަހަޅާފައިވާތީ، ދަފްތަރުން އެ ބޭފުޅުންގެ ނަން އުނިކޮށްފައިވާކަން ހަމަ އަންގާރަ ދުވަހު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ.