ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 12:17
ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންތަކެއް
ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންތަކެއް
ޓޫރިޒަމް މިނިސްޓްރީ
ޗައިނާ މާކެޓް
ޗައިނާ މާކެޓް ދަށެއް ނުވޭ، އޮތީ ތިންވަނާގައި: ޓޫރިޒަމް މިނިސްޓްރީ
ޗައިނާ މާކެޓް ތިންވަނައަށް އެރުމަކީ ލިބުނު ކުރިއެރުމެއް

ޗައިނާ މާކެޓް ދަށްނުވާކަމަށާއި, ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާ މާކެޓް އަދިވެސް އޮތީ ތިންވަނާގައި ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޗައިނާ މާކެޓް ދަށްވިކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާ މި ދަނޑިވަޅުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު އިބްރާހީމް ފަރުހާދު ރާއްޖެއެމްވީއަށް ވިދާޅުވީ، ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު 6 ވަނަ ދުވަހާ ހަމައަށް 24000ށްވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށެވެ.

ޗައިނާ މާކެޓް ހުޅުވުނު މިންވަރާ އަޅާބަލާއިރު ފަތުރުވެރިން އަންނަ ނިސްބަތް ބާރަށް ކުރިއަރައިގެން ދާކަމަށާއި، ޗައިނާ މާކެޓް ތިންވަނައަށް އެރުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ވެސް ފަރުހާދު ވިދާޅުވިއެވެ.

ފަރުހާދު މިފަދައިން ވިދާޅުވެފައިވާއިރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިއަށް، 2019 ވަނަ އަހަރު ނިމުނުއިރު، ރާއްޖެ އައި ފަތުރުވެރިންގެ 16.7 އިންސައްތަ ހިއްސާކޮށް، އެއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޗައިނާއެވެ. އެ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ނަމަވެސް 2020 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ޗައިނާއިން އެގައުމުގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ޗައިނާއިން ފަތުރުވެރިން އައުން ހުއްޓުނެވެ. މިއީ ދިވެހި ސަރުކާރުގެ ސަބަބުން ވީ ކަމެއް ނޫނެވެ. މިއީ ޗައިނާ ސަރުކާރުން ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އެގައުމުން ތިން އަހަރު ހޭދަކުރީ ގައުމުގެ ބޯޑަރު ބަންދުކޮށްގެނެވެ.

ޗައިނާ ސަރުކާރުން ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، އެގައުމުގެ ބޯޑަރު އަލުން ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އަދި ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފެށީ 18 ޖެނުއަރީ 2023ގައެވެ.

- ކޮމެންޓް