ސައުދީ ޕްރޯ ލީގުގައި އަލް ރިޔާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ހިލާލް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
އަލް ރިޔާދާ ދެކޮޅަށް އަލް ހިލާލް ނިކުތްއިރު، އެއްވަނާގައި އޮތީ އަލް އިއްތިހާދެވެ. އެއީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މެޗުގެ އަދަދު ހަމަހަމަކޮށް އެއްވަނައަށް އަރަން ލިބުނު ފުރުސަތުގައި އަލް ހިލާލުން ވަނީ 6-1ން އަލް ރިޔާދު ބަލިކޮށްފައެވެ.
މެޗުގައި އަލް ހިލާލުން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެލެކްސެންޑާ މިޓްރޮވިޗް ޖަހައިދިން ލަނޑުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ހިލާލްގެ ދެވަނަ ލަނޑު ޖަހައިދިނީ ޔާސިރު އަލް ޝަހްރާނީއެވެ. އަލް ހިލާލުން އެ ޓީމުގެ އަނެއް ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި އަލް ހިލާލްގެ ތިންވަނަ ލަނޑު ޖެހީ ނާސިރު އަލް ދައުސަރީއެވެ. އޭގެ ފަހުން 83 ވަނަ މިނެޓުގައި ހަތަރުވަނަ ލަނޑު ޖެހީ މެލްކޮމްއެވެ. އަލް ހިލާލްގެ ފަހު ދެ ލަނޑު ޖެހީ ސަލީމް އަލް ދައުސަރީއެވެ. އެއީ މެޗުގެ 87 ވަނަ މިނެޓާއި ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އޭނާ ޖެހި ލަނޑުތަކެވެ. ދައުސަރީގެ ފަހު ލަނޑަކީ އަލް ހިލާލަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި އަލް ރިޔާދުގެ ހަމައެކަނި ލަނޑު ޖެހީ އަލީ އަލްޒަގާންއެވެ.
މި މެޗުގައި ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް އަލް ހިލާލަށް ބަދަލުވި ބްރެޒިލްގެ ނޭމާ ޖޫނިއާ ކުޅެން އަރުވާފައެވެ. މިއީ އަލް ހިލާލަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ. ނޭމާ މުޅިން އެއްކޮށް ފިޓުނުވާތީ، މި މެޗުގައި އޭނާއަށް ފުރުސަތު ދިނީ ބެންޗުންނެވެ.
މޮޅާއެކު އަލް ހިލާލް އެއްވަނާގައި އޮތީ، ކުޅުނު ހަ މެޗުން 16 ޕޮއިންޓު ހޯދައިގެންނެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެވަނާގައި އޮތް އަލް އިއްތިހާދަށް ލިބެނީ 15 ޕޮއިންޓެވެ.