ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރި ކަމަށް ބުނެ ރ. މަޑުއްވަރީން ހައްޔަރުކޮށް، ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:00 އަށެވެ. އެގޮތުން ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑުހެދުމުގެ ދައުވާ މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ.
އެންމެ ފަހުން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ވަނީ ހަސަން ރާޒީއާއި، އާދަމް ސުހައިލްގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތައީދުކުރާކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާގެ ހެކިބަސް ނަގާފައެވެ.
ޝަރީއަތުގެ އަޑުއެހުމުގައި މި މައްސަލައިގައި ފޮރެންސިކް ތަހުލީކުތަކާ ގުޅޭގޮތުން ވަނީ ހެކިބަސް ނަގާފައެވެ. މި މައްސަލައާ ގުޅުންހުރި ތަހުލީލުތަކާމެދު ހެކިބަސް ދެއްވާފައިވަނީ ފުލުހުންގެ ފިޒިކަލް އެވިޑެންސް ޑިޕާޓްމެންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ސަލީމެވެ. އޭނާއަކީ މި މައްސަލައާ ގުޅިގެން ފުލުހުން ހޯދާފައިވާ ސީޑީގައިވާ މައުލޫމާތު ތަހުލީލުކުރި ފަރާތެވެ.
ބުދަ ދުވަހުގެ ޝަރީއަތުގެ އަޑު އެހުމުގައި އޭނާ ވަނީ ފޮރެންސިކްގެ ތަހުލީލަށް ހޯދިފައިވާ ކަންކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. ސަލީމަކީ މިފަދަ ގިނަ މައްސަލަތަކުގެ ތަހުލީލު ރިޕޯޓް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާ ފަރާތަކަށް ވާއިރު، އޭނާއަކީ މާއްދީ ހެތްކާއި، ގޮވާތަކެތި، އަދި ބަޑި ބޭސް ޓްރޭސްކުރެވޭފަދަ ހެކި ތަހުލީލު ކުރުމުގައި ތަޖުރިބާ ހުރި ބޭފުޅެކެވެ.
މި މައްސަލައިގައި ހިމެނޭ އާދަމް ސުހައިލް އާއި ހަސަން ރާޒީގެ ގެ ފަރާތުން ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ އާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އާދަމް ސުހައިލްގެ ވަކީލް ވަނީ ހެކި ބަސް ނެގުމުގެ މަރުހަލާ ދިގުލައިގެން ދިއުމުން އޭނާ އަށް ވަޒީފާ ލިބުމުގައި ވެސް ދަތިކަން ހުރި ކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާޒީގެ ވަކީލް ވަނީ މަގްބޫލު އުޒުރެއް ނެތި ހެކިން ހާޒިރު ނުކުރެވިދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބުދަ ދުވަހު ސިއްރު ހެކިން ހާޒިރުކުރުމަށް އެއް ފުރުސަތު ދެވުނު ކަމަށާއި، ހާޒިރު ކުރަން އެދި ހެކިން ހާޒިރު ނުކުރެވުނު ކަމަށް ނިންމާދިނުމަށް ދިފާއީ ވަކީލް އެދިލެއްވިއެވެ. ހަމައެހެންމެ މައްސަލަ ދިގުލައިގެން ނުދާނެ ގޮތަކަށް އަމަލުކޮށްދެއްވުމަށް ވެސް އެދިލެއްވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަންކަމަށް ޝަރީއަތުން ރިއާޔަތްކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި މި މައްސަަލަ އާއި ގުޅޭ އިތުރު އަޑު އެހުމެއް މި މަހުގައި ބޭއްވޭތޯ މަސައްކަތްކުރައްވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.