ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ރައްދު ދީފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ދައުރުވަމުންދާ ވާހަކަތަކަށް ރައްދު ދީފައިވަނީ ބުދަ ދުވަހު އާންމުކުރި ވީޑިއޯ ސްޓޭޓްމަންޓެއްގައެވެ.
މި ވީޑިއޯ ސްޓޭޓްމަންޓްގައި އެމްއެންޑީއެފްގެ ސްޕޯކްސްޕަރސަން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވަނީ ޝަރުޢީ ޙުކުމްތައް ތަންފީޒުކުރަމުންދާ ބައެއް ބޭފުޅުން މިނިވަންކުރަން އެދި ދިވެހި ސިފައިންގެ ތެރެއިން ބައެއް ބޭފުޅުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ސިޓީއެއް ފޮނުވައިފައިވާކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ދޮގު ހަބަރެއް ކަމަށާއި ސިފައިންގެ ތެރެއިން އެއްވެސް ބޭފުޅަކު ސޮއިކޮށް ރައީސް ޔާމީންއަށް މިކަހަލަ ކަމަކަށް އެދި ސިޓީ ފޮނުވާފައި ނުވާކަމަށެވެ.
ބްރިގޭޑިއަރ ޖެނެރަލް މަންސޫރު ވިދާޅުވީ އެންމެހާ ބޭފުޅުންވެސް މިކަހަލަ ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށާއި ދިވެހި ސިފައިން އަބަދުވެސް ދެމިތިބޭނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ޤާނޫނު އަސާސީ ހިމާޔަތްކުރުމުގައި ކަމަށެވެ. އަދި ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކީ، ވެރިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމާއި ހިމާޔަތާއި ސުލްހަ މަސްލަސްކަން ޤާއިމްކޮށްދޭ ބައެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށްވެސް މަންސޫރު ވިދާޅުވިއެވެ..
ބްރިގޭޑިއަރ ޖެނެރަލް މަންސޫރު ވިދާޅުވީ ރާއްޖޭގެ ސުލްހަ މަސްލަސްކަން ޤާއިމުކުރުމުގައި ދިވެހި ފުލުހުންގެ ފަރާތުން ދިވެހި ސިފައިންގެ އެހީއަށް އެދިވަޑައިގެންފިނަމަ ޤާނޫނީ ހަމަތަކުގެ މަތިން އެފަރާތައްވެސް އެހީތެ ރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމަށެވެ.
ވީޑިއޯ ސްޓޭޓްމަންޓް ނިންމާލަމުން ބްރިގޭޑިއަރ ޖެނެރަލް މަންސޫރު ވިދާޅުވީ އެމްއެންޑީއެފްގެ އިލްތިމާސްއަކީ ހަޤީޤަތެއް ނެތް ވާހަކަތައް ދިވެހި ސިފައިންނާއި އަސްކަރިއްޔާއަށް ނިސްބަތްވާގޮތަށް ނުފެތުރުން ކަމަށެވެ.