ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ދައުވަތަކަށް ބޭރު ގައުމުތަކުން އައި އޮބްޒާވަރުންގެ ތެރެއިން އޮބްޒާވަރުންނަށް ފުރައްސާރަކުރި ދިވެހި އޮބްޒާވަރަކާއި މަންދޫބެއް އީސީން ސަސްޕެންޑްކޮށްފިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރާއި ގުޅޭގޮތުން އަންގާރަ ދުވަހު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ބޭރުގެ ގައުމުތަކުގެ އޮބްޒާވަރުން ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ދައުވަތަކަށްކަމަށެވެ. އެގޮތަށް އައި އޮބްޒާވަރުންގެ ތެރެއިން އިންޑިޔާގެ އިލެކްޝަންސް ކޮމިޝަންގެ ދެ ބޭފުޅަކަށް ރާއްޖޭގެ އޮބްޒާވަރުންތަކެއް ފުރައްސާރަކޮށް ހަދާފައިވާކަމަށެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ހަބީބު ވިދާޅުވިއެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަޅުގަނޑުމެން ފާސްދީފައި ތިބި ބަޔަކު ފާސްދީފައި ތިބި އެހެން ބަޔަކަށް ފުރައްސާރަކޮށް މިކަންކުރީމާ ޖެހޭނީ ފާސް އަތުލަން. ވަރަށް ހިތާމައާއެކު މިދަންނަވަނީ. ދެވަނަ ބުރަށް ދާއިރު އެފަދަ ބޭފުޅުންގެ އެކްރިޑެޓެއް ނުކުރާނަން. މިހާރު ކޮށްފައި ތިބި މީހުންގެ ފާސް ބާތިލުކުރާނެ.އިސްމާއީލު ހަބީބު / އީސީގެ ނާއިބު ރައީސް
ހަބީބު އެހެން ވިދާޅުވެފައިވާއިރު އީސީން ބުދަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ވޯޓުލީ ދުވަހު އިލެކްޝަންސް ކޮމިޝަނުން ދަޢުވަތު ދީގެން އައިސްތިބި ބައެއް އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްސީލްކުރި ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ފުރައްސާރަކޮށް، ސުލޫކީ މިންގަނޑާ ޚިލާފު ވެފައިވާތީ، އެ ދެ މީހުން އިންތިހާބުގެ ދެވަނަބުރާއި، ކުރިޔަށް އޮތް ބޮޑު ދެ އިންތިޚާބުގައި އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް، އިލެކްޝަން އޮފިޝަލެއްގެ ގޮތުން ޙަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑް ކުރުމަށް އިންތިޚާބާބެހޭ ޚާއްޞަ ޖަލްސާ އިން ނިންމާފައިވާކަމަށެވެ.
އަދި އެ ދެ މީހުންގެ ބަދަލުގައި އެހެން ދެ މީހަކު އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ޙަރަކާތްތެރިވުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައިވަކަމަށް އީސީން ބުނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޑިއާގެ ދެ އޮބްޒާވަރަކާ ދިމާލަށް ވަރަށް ހަޑިކޮށް އެއްޗެހި ގޮވުމުގެ އިތުރުން އެމީހުން އެތަނުން ނެރެލާފައިވަނީ ވޯޓު ފޮށްޓާ ކައިރިއަށް ދިޔަ ކަމަށް ބުނެއެވެ.
އިންޑިއާގެ އޮބްޒާވަރަކާ ދިމާކޮށްލިއިރު، ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭރު ކުރުމަށާއި މި ސަރުކާރުން އިންޑިއާ އިސްކޮށް ގެންގުޅޭ ޚާރިޖީ ސިޔާސަތާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް" ހަރަކާތެއް އަންނަނީ ހިންގަމުންނެވެ.