ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 22:52
ފަލަސުރުހީ ޕްރޮގްރާމްގައި އިމާދު ޞާލިހު ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އިމާދު ޞާލިހު ވާހަކަދައްކަވަނީ
ސަރުކާރާއި ގުޅޭގޮތުން ދައްކާ ދޮގު ވާހަކަތައް
ރާއްޖޭގެ މިނިވަންކަން ގެއްލޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދިނުމުގައި އިތުރަށް ސަރުކާރުގެ ޕީއާރުން މަސައްކަތް ކުރަންޖެހޭ: އިމާދު
މިނިވަންކަން ގެއްލޭ ކަމަށް ބުނެ އިދިކޮޅަށް ވާގިވެރިވާ މީޑިއާތަކުން ވެސް ކުރަމުންދިޔައީ އެމަސައްކަތް
ދޮގެއް ނަމަވެސް އެކަން ރައްދުވާ ފަރާތުން އެކަށީގެންވާ މިންވަރަށް ދިފާއު ނުކުރާނަމަ އެކަން ތެދަކަށް ބަދަލުވޭ

ރާއްޖޭގެ މިނިވަންކަން ގެއްލޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދިނުމުގައި ސަރުކާރުގެ ޕީއާރުން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިމާދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިމާދު ވިދާޅުވީ މިފާއިތުވި ފަސް އަހަރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކުރަމުންދިޔަ އެއް މަސައްކަތަކީ ރާއްޖޭގެ މިނިވަންކަން ގެއްލޭކަމަށް ބުނެ އެކަން ރައްޔިތުންނަށް ވިސްނައިދިނުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިދިކޮޅަށް ވާގިވެރިވާ މީޑިއާތަކުން ވެސް ކުރަމުންދިޔައީ އެމަސައްކަތް ކަމަށް އިމާދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލި ވާހަކައާއި، އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބެ، ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަމުންދާ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ވަކި ވާހަކައެއް ތަކުރާރުކޮށް ކިޔާ ކަމަށްވާނަމަ އަދި އެއީ ދޮގެއް ނަމަވެސް އެކަން ރައްދުވާ ފަރާތުން އެކަށީގެންވާ މިންވަރަށް ރައްދުދީ ދިފާއު ނުކުރާނަމަ އެކަން ތެދަކަށް ބަދަލުވާ ކަމަށެވެ. އަދި އެގޮތަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ކަމަށް އިމާދު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރަށް ކުރަމުންދިޔަ ތުހުމަތުތަކަށް ސަރުކާރުގެ މީޑިއާތަކާއި، ސަރުކާރުގެ ޕީއާރުން ވެސް އެކަށީގެންވާ މިންވަރަށް ރައްދުދީ އެމަސައްކަތް ކޮށްފައިނުވާ ކަމަށް އިމާދު ވިދާޅުވިއެވެ.

އެހެންވީމަ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ވާހަކަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ އެކިއެކި ސަރަހައްދުތަކުގައި ތިބޭ ވާހަކަ އަދަދަށް ދަންދެން އެބަ ވިދާޅުވޭ. ސަރުކާރު އަވަދިވެ އޮތީ ކޮވިޑްގެ ހާލަތާއެކުއެކީގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ދެމިއޮތީ. ސަރުކާރުން މަސައްކަތް ކުރީ. އެއެއްޗިއްސަށް ސަރުކާރުގެ މީޑިއާތަކުން ސަރުކާރަށް ވާގިވެރިވާ މީޑިއާތަކުން އަދި ސަރުކާރުގެ ޕީއާރުންކަމުގައި ވިޔަސް އެކަންކަން މެނޭޖްކުރުމަށް އެކަށީގެންވާ މަސައްކަތެއް ހަގީގަތުގައި ކުރެވިފައިނުވޭ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ވޯޓު ފޮއްޓާ ހަމައަށް ރައްޔިތުންގެ ވިސްނުމުގައި ހުރީ އެއީ ތެދެކޭ. ރާއްޖޭގެ މިނިވަންކަން ގެއްލެނީއޭ. އިންޑީއާއިން ބަސް ބުނަނީއޭ. އިންޑިއާއިން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއަށް ވަންނަނީއޭ. އިންޑިއާގެ ޕްރޮޖެކްޓްތައް އިންޑީއާގައި ހިންގަނީ. މިހުރިހާ ކަމެއް ރާއްޖޭގެ ރައްޔިތުންގެ ސިކުނޑިއަށް ހުރީ ތެދުތެދަށް ދަންނަވަންޏާ ވަރަށް ބޮޑަށް ވަދެފައި
އެންޑީއޭގެ ސީއީއޯ އިމާދު ސާލިހު

އިމާދު ވިދާޅުވީ ސަރުކާރު ބަދަލުކުރުމަށް އިދިކޮޅުން އެންމެ ބޮޑަށް ކެންޕޭން ކުރީ ރާއްޖޭގެ މިނިވަންކަމާއި ގުޅޭގޮތުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މިހުރިހާ ކަމެއް ރައްޔިތުންނަށް ސަރުކާރު އަދި އެމްޑީޕީން ސާފުކޮށްދޭން ޖެހޭ ކަމަށް އިމާދު ވިދާޅުވިއެވެ. ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވިއްޖެނަމަ ދެވަނަ ބުރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ގިނަ އަދަދެއްގެ ވޯޓު ލިބޭނެ ކަމަށް އިމާދު ވިދާޅުވިއެވެ.

- ކޮމެންޓް