ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އުރުގުއޭ ބަލިކޮށް، އެކުއެޑޯ އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.
ކޮލިފިކޭޝަންގައި އުރުގުއޭ އިން ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. ނަމަވެސް އެކުއެޑޯ ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ. މި ދެ ޓީމު ބައްދަލު ކުރި މެޗު އެކުއެޑޯ އިން ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އުރުގުއޭ އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އާގުސްޓިން ކަނޮބިއޯ އެވެ. އޭނާ އެ ލަނޑު ޖެހީ އެ ޓީމުގެ މެކްސިމިލިއާނޯ އަރައުހޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން އެކުއެޑޯ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މޮއިސަސް ކަސައިޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެލިކްސް ޓޮރޭސް އެވެ.
ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އެކުއެޑޯ އަށް ވަނީ ލީޑު ނެގުމަށް ފުރުސަތު ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އެނާ ވެލެންސިއާ ފޮނުވާލި ބޯޅަ ކާމިޔާބުވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން ދެ ޓީމަށް ވެސް އިތުރު ލަނޑު ޖަހާނެ ފުރުސަތު ލިބި، ވަނީ ބޭކާރުވެފަ އެވެ. މެޗުން އެކުއެޑޯ މޮޅުވީ، 61 ވަނަ މިނެޓުގައި ޓޮރޭސް ޖެހި ލަނޑުންނެވެ. އޭނާ އެ ލަނޑު ޖެހީ ކެންޑްރީ ފައޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާއެކު އެކުއެޑޯ އޮތީ ހަ ވަނައިގަ އެވެ. އެއީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓާއެކު އެވެ. އުރުގުއޭ އޮތީ ތިން ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.