ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 11:36
ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ރޮއިޓާސް
ޔުވެންޓަސް
ޕޮގްބާ އަށް ސަސްޕެންޝަނެއް
 
ނާޑޯ އިން ޕޮގްބާގެ ޑޯޕިން ޓެސްޓު ހަދާފައި ވަނީ އިޓާލިއަން ލީގުގައި ޔުވެންޓަސް އިން އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު

ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ސަސްޕެންޑުކޮށްފައި ވަނީ މަނާ ބޭހެއް ބޭނުން ކުރުމުގެ މައްސަލައިގަ އެވެ. އޭނާ ސަސްޕެންޑު ކުރީ އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު އެވެ. ނާޑޯ އިން ޕޮގްބާގެ ޑޯޕިން ޓެސްޓު ހަދާފައި ވަނީ އިޓާލިއަން ލީގުގައި ޔުވެންޓަސް އިން އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެހެން ނަމަވެސް، އެ މެޗުގައި ޕޮގްބާ ކުޅެފައެއް ނުވެ އެވެ. ޕޮގްބާގެ ސާމްޕަލް ނަގައިގެން ނާޑޯ އިން ކުރިއަށް ގެންދިޔަ ތަހުލީލުތަކުން، މަނާ ބޭހެއް އޭނާ ބޭނުންކުރިކަން އެނގެން އޮތް ކަމަށް ނާޑޯ އިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނީ، ޕޮގްބާގެ އެ މައްސަލަ އެ ކުލަބުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ނާޑޯ އިން އެކަމާ ގުޅޭ އެންމެހާ މުއާމަލާތްތަކެއް އެ ކުލަބާ ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ކަންތައް ކުރާނެ ގޮތެއް ކުލަބުން ބަލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އިޓަލީގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ނާޑޯ އިން އެ ރިޕޯޓުތައް އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނަށް ވެސް ހުށަހަޅާނެ އެވެ. އެކަމާ ގުޅިގެން ޕޮގްބާ އަށް ދެ އަހަރު ދުވަހުގެ ސަސްޕެންޝަނަށް އައުމަކީ ގާތް ކަމެއް ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ޔުވެންޓަސް އަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވެ، ކުލަބުގެ ފަރިތަކުރުމުގެ ތެރެއިން ޕޮގްބާ އަށް ވަނީ އަނިޔާވެފަ އެވެ. އެއާއެކު އޭނާ ވަނީ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އެ އަނިޔާގެ ސަބަބުން މިިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ވެސް ޕޮގްބާ އަށް ވަނީ ގެއްލިފަ އެވެ. މި ސީޒަނުގައި ޕޮގްބާ ޔުވެންޓަސް އަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް