ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް އެއްވެސް ޕާޓީއަކާއެކު އަދި މަޝްވަރާނުކުރައްވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ މިއަދު ފެނިފައި އޮތީ ކުރިން ވެސް އަންދާޒާ ކުރި މަންޒަރު ކަމަށެވެ. އަދި ދެން ކުރިއަށްދާނެ ގޮތަކާމެދު ކައުންސިލާއި މެންބަރުންނާއި ސަޕޯޓަރުންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ބަޔަކާއި ވާހަކަ ދައްކާއިރު އިސްކަންދޭނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށާއި ޕާޓީގެ އުސޫލާ އެކުވެވޭ ބަޔަކާއެކު ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އެއްވެސް ދޮރެއް ބަންދުކޮށްފައި ނެތްކަމަށާއި ވަކި ބަޔަކާއި ވާހަކަ ދައްކަވަން ވެސް ނުދައްކަން ވެސް ނިންމާފައިނުވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ހުރިހާ އެންމެންނާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ވަރަށް ބޮޑު އިތުރުބަރާއެކު އެމްޑީޕީއަށް ރައްޔިތުން ވޯޓް ދިން ކަމަށާއި ރައްޔިތުންގެ ވޯޓް މިހާވަރަށް މަދުވި ސަބަބު ހުރިހާ އެންމެން ވެސް ވިސްނަން ޖެހޭ ކަމަށެވެ.
ރިޔާސީ އިންތިކާބުގެ ފުރަތަމަ ބުރުގައި ޕާޓީއަށް ލިބުނު ވޯޓްތަކާއި ގުޅޭގޮތުން އިލްޔާސް ވިދާޅުވީ މިއީ ޕާޓީގެ ފެށުން ކަމަށާއި އަލަށް ޕާޓީއެއް އުފައްދައިގެން ލިބޭ ވޯޓުގެ އަދަދުން މޮޅުވީތޯ ނުވަތަ ބަލިވީތޯ ނުނިންމޭނެ ކަމަށެވެ. ވަރަށް ބައިވަރު މަސައްކަތްތައް ކުރިއަށް އެބަހުރި ކަމަށާއި މި އިންތިޚާބުގެ ނަތީޖާއަކީ ހޯދަން އުޅުނު ނަތީޖާ ނޫން ކަމަށް އިލްޔާސް ވިދާޅުވިއެވެ.