ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 10:59
ހަންސީ ފްލިކް
ހަންސީ ފްލިކް
ގެޓީ އިމޭޖަސް
ފުޓްބޯޅަ
ބޮޑު ބައްޔެއް، ޖަރުމަނު ކޯޗު ބުނަނީ އަދިވެސް އެންމެ ރަނގަޅީ އޭނާ ކަމަށް
އޭނާގެ ކޯޗުކަމުގައި ޖަރުމަނުގެ ފަހު 16 މެޗުގެ ތެރެއިން މޮޅުވީ ހަތަރު މެޗުން

ޖަޕާން އަތުން 41-ގެ ބޮޑު ތަފާތަކުން ބަލިވި ނަމަވެސް ޖަރުމަނުގެ ކޯޗުކަމަށް އަދިވެސް އެންމެ ރަނގަޅީ އޭނާ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނިއިރު ފްލިކް ކޯޗުކަމާ ހަވާލުވި ފަހުން މިވީ ދެ އަހަރު ތެރޭގައި ޖަރުމަނަށް ކާމިޔާބެއް ނުލިބެ އެވެ. އަދި އޭނާގެ ކޯޗުކަމުގައި އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ޖަރުމަނު މޮޅުވީ ވެސް އެންމެ ހަތަރު މެޗުންނެވެ. ރޭ ޖަޕާން އަތުން ބަލިވިއިރު މިދިޔަ އަހަރުގެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު ވެސް ޖަޕާން އަތުންވީ ބައްޔެވެ. މިހެންވެ ރޭގެ މެޗު ހިނގަމުންދިޔައިރު ސަޕޯޓަރުންގެ މަލާމާތާއި ފުރައްސާރަ ޓީމަށް އަމާޒުވި އެވެ.

ނަމަވެސް މެޗަށް ފަހު ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުނަނީ އޭނާގެ މަގާމާމެދު އިތުބާރު ގެއްލުވާނުލާ ކަމަށެވެ.

ޔަގީން. އަދިވެސް ޖަރުމަނަށް އެންމެ ރަނގަޅު ކޯޗަކީ އަހަރުމެން. އަހަރެން ދެކޭ ގޮތުގައި އަހަރުމެން ކުރަމުން މިދަނީ ރަނގަޅު މަސައްކަތްތަކެއް
ފްލިކް

ނަމަވެސް އޭނާ ބުނީ ފުޓްބޯޅަ އަކީ އެކިގޮތްގޮތަށް ކަންކަން އަވަހަށް ބަދަލުވާ ކުޅިވަރެއްކަން އެނގޭ ކަމަށާއި ކުރިމަގު އޮންނާނެ ގޮތް ދެނެގަންނަން އޭނާ އަށް ވެސް ނޭނގޭ ކަމަށެވެ.

އެކަމަކު ޓީމެއްގެ ގޮތުގައި އަހަރުމެން މިދަނީ ރަނގަޅަށް ތައްޔާރުވަމުން. އަހަރެން މިހުރީ ބަލިވުމުން ދެރަވެފައި. ޖަޕާން ކަހަލަ ވަރުގަދަ ޑިފެންސެއް އޮންނަ ޓީމުތައް ބަލިކުރަން އަހަރުމެންނަށް އުނދަގޫ. މި މެޗުގައި ވެސް އަހަރުމެންގެ ފެށުން ރަނގަޅު. އެކަމަކު އެމީހުންނަށް ލިބުނު ފުރަތަމަ ފުރުސަތުގައި ގޯލު ޖެހި. އަހަރުމެން ހަމަކުރީމަ ވެސް ދެން ވެސް ލީޑްނެގީ އެމީހުން
ފްލިކް

ޖަރުމަނުގެ މިވަގުތު އެންމެ ބޮޑު ވުމަކީ މީގެ އަށް މަސް ފަހުން އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޓީމު ރަނގަޅަށް ތައްޔާރުނުކުރެވިދާނެ ކަމާމެދު އެވެ. ނަމަވެސް ފުޓްބޯޅަ ފެޑަރޭޝަނުން ފްލިކްގެ މަގާމާމެދު ވަކި އެއްޗެއް ނުބުނެ އެވެ.

- ކޮމެންޓް