ކ. މާލެ
|
19 ޖުލައި 2017 | ބުދަ 14:17
ޖެނެރަލް ޕިޔާ ޑެ ވިލިޔާސް
ޖެނެރަލް ޕިޔާ ޑެ ވިލިޔާސް
ރޮއިޓަރސް
ފްރާންސް
ރައީސް އާއި ހިޔާލުތަފާތުވުން އުފެދި ފްރާންސްގެ އަސްކަރިއްޔާގެ ވެރިޔާ އިސްތިއުފާ ދެއްވައިފި
އަސްކަރިއްޔާގެ ވެރިޔާ އިސްތިއުފާ ދެއްވިއިރު އޭނާ ވަނީ މިއަންނަ ހުކުރު ރައީސް މެކްރޮން އާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި

ފްރާންސް އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޕިޔާ ޑެ ވިލިޔާސް، ރައީސް އެމަނުއެލް މެކްރޮން  އަސްކަރިއްޔާގެ ބަޖެޓް ކުޑަ ކުރެއްވުމާއި ގުޅިގެން ހިތްޕުޅުހަމަޖެހިވަޑައިނުގަތުމުގެ ސަބަބުން  އިސްތިއުފާ ދެއްވައިފިއެވެ.

ޑެ ވިލިޔާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "އަސްކަރިއްޔާ މިހާރު އޮތް މޮޑެލް އޮތް ގޮތަށް ބަލާއިރު އަސްކަރިއްޔާ ރަނގަޅުގޮތުގައި ދެމެހެއްޓިދާނެ ކަމުގެ ޔަގީންކަން" ނެތީމާ ފްރާންްސްގެ ސަލާމަތްތެރިކަން ދެމެހެއްޓިދާނެ ކަން ކަށަވަރުކޮށް ނުދެވޭނެތީ އިސްތިއުފާ ދެއްވީ ކަމަށެވެ.

ފްރާންސްގެ ސަރުކާރުން އަސްކަރިއްޔާގެ ބަޖެޓް ދާދިފަހުން ކުޑަކުރީ އެގައުމުގެ ބަޖެޓް ޑެފިސިޓް ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.  

ރައީސް މެކްރޮން ދާދިފަހުން ވިދާޅުވީ އަސްކަރިއްޔާގައި ހިޔާލުތަފާތުވުން އުފެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ޑިފެންސް މިނިސްޓްރީގައި ދެއްވި ތަގުރީރެއްގައި ރައީސް މެކްރޮން ވިދާޅުވީ އާންމު ތަންތަނުގައި ބައެއް ކަހަލަ ބަހުސްކޮށް ހެދުމަކީ "ޝަރަފުވެރި" ކަމެއް ނޫން ކަމަށެވެ.

ޖެނެރަލް ޕިޔާ ޑެ ވިލިޔާސް އިސްތިއުފާ ދެއްވިއިރު، އޭނާ ވަނީ ރައީސް މެކްރޮން އާއި ހިޔާލުތަފާތުވުންތައް އެއްގޮތް ކުރެއްވުމަށް މިއައަންނަ ހުކުރު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައެެވެ.

ޖެނެރަލް ޕިޔާ ޑެ ވިލިޔާސް އަސްކަރިއްޔާގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ 2014ގެ ފެބްރުއަރީގައެވެ. ރައީސް މެކްރޮން ވަނީ ނިމިދިޔަ ޖޫން މަހު ޖެނެރަލް ޕިޔާ ޑެ ވިލިޔާސް ގެ ދައުރު އިތުރު ކުރައްވާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް